06 Jan 2015, 21:47
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު، ޓީޗަރުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދިނުން އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާއަކީ ގިނަ ކަންތައްތަކެއް ހައްލުކުރަން ޖެހިފައިވާ ދާއިރާއެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ޓީޗަރުންގެ މުސާރައިގެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީންނާއި ޓީޗަރުންގެ އެސޯސިއޭޝަނުން ބޮޑެތި ދިރާސާތަކެއް ހެއްދެވި ކަމަށް ރައީސް ވިދާޅުވި އެވެ.
"...ދޭން ބޭނުންވާ އުފާވެރިކަމުގެ މެސެޖަކީ މިފެށޭ ދިރާސީ އަހަރު ފެށޭއިރު، ޓީޗަރުންގެ މުސާރައިގެ ތިންބައި ކުޅަ އެއް ބަޔަށްވުރެ ކުޑަ ނުވާ ވަރުގެ މުސާރައިގެ ކުރިއެރުމެއް ޓީޗަރުންނަށް ލިބިލައްވާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ހިމެނޭ ގޮތަށް ހެދޭ ޓީޗަރުންނާއި ބެހޭ އޮނިގަނޑުގެ މަސައްކަތް ވެސް މާދަމާ ނިންމަވާނެ ކަމަށެވެ.
ރައީސް އެގޮތަށް އިއުލާންކުރައްވާފައިވާއިރު، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ޓީޗަރުންނާއި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބައްދަލުކުރައްވައި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ ސަރުކާރުގެ އާމްދަނީ ރަނގަޅުވުމާއެކު ޓީޗަރުންގެ މުސާރަ ބޮޑުކޮށް ދެއްވާނެ ވިދާޅުވެފަ އެވެ.
ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ރަނގަޅު ކުރުމަށް ބާރުއަޅައި ޓީޗަރުންނަށް ދިމާވެފައިވާ މައްސަލަތައް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށްޓަކައި މިދިޔަ އަހަރު ޓީޗަރުން ދެފަހަރެއްގެ ކަޅު ހެދުމުގައި ސްކޫލްތަކަށް ނުކުމެފައިވެ އެވެ. އަދި އެ މައްސަލާގައި ބޮޑު އިހުތިޖާޖަކަށް ވެސް ދާން އުޅުނެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއާ އެކު މަޝްވަރާއަށް ފުރުސަތެއް ލިބުމާއެކު ޓީޗާސް އެސޯސިއޭޝަނުން ކުރިއަށްގެންދަން އުޅުނު އިހްތިޖާޖު ފަސްކޮށް އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްގެންދިޔަ އެވެ. އޭގެ ފަހުން ޓީޗަރުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ޓީޗާސް އެސޯސިއޭޝަން ގުޅިގެން ވަނީ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކޮށްފަ އެވެ.