މާލެ ސިޓީ ކައުންސިލްގެ ވަގުތީ ނަތީޖާ މިއަދު ހައެއް ޖެހުމުގެ ކުރިން އިއުލާންކުރެވޭވަރު ވާނެ ކަމަށާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ވަގުތީ ނަތީޖާ އިއުލާންކުރެވޭނީ މިރޭގެ ވަގުތެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލު އިސްމާއިލް ހަބީބް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ނަތީޖާ މިއަދު ހައެއް ޖެހުމުގެ ކުރިން ޕޯލިން ސްޓޭޝަންތަކުން އިއުލާންކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލް އިންތިހާބުގެ ނަތީޖާ ވެސް އެހާއިރު ނެރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އައްޑޫގައި ދެން ކުޑަކޮށް ޝައްކުވޭ. އެހެންނަމަވެސް، މާލޭގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ވަގުތީ ނަތީޖާ ޕޯލިން ސްޓޭޝަންތަކުން ހައެއް ޖެހުމާ ކައިރިކޮށްފައި ނެރެވޭނެ ކަމަށް،" ހަބީބް ވިދާޅުވި އެވެ.

ނަމަވެސް، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ވަގުތީ ނަތީޖާ އިއުލާންކުރެވޭނީ މިރޭގެ ވަގުތުތަކުގައި ކަމަށާއި ބައެއް ނަތީޖާތައް ލިބުން ލަސްވެދާނެ ކަމަށް އިލެކްޝަންސް އިން ލަފާކުރެ އެވެ. "މިރޭގެ އަށެއް ދިހައެއް އެގާރަ ޖެހުމާ ހިސާބަށް ހިނގައިދާނެ ހަމަ ނަތީޖާ ނެރުން،" އޮފިޝަލު ވިދާޅުވި އެވެ.