މަގާމުން ވަކިކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުދާނަށް އިނާޔަތް ދިނުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމާފައި ވަނީ "ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުން ވަކިވާ ފަނޑިޔާރުންނަށް ޚާއްސަ އިނާޔަތްތަކާއި އިމްތިޔާޒުދިނުމާ ބެހޭ ގަވާއިދަށް" ގެނައި އިސްލާހެއްގަ އެވެ.

އެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރަކު މަގާމުން ވަކިކޮށްފި ނަމަ އެބޭފުޅަކު މަގާމުން ވަކިކުރާ ތާރީޚުން ފެށިގެން ގަވާއިދުގައި ބުނެފައިވާ އިނާޔަތްތަކާއި އިމްތިޔާޒުތައް އެބޭފުޅަކަށް ލިބޭނެ ކަމަށެވެ.

އެ ގަވާއިދު ބުނާ ގޮތުން ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުން ވަކިވާ ކޮންމެ ބޭފުޅަކަށް ޖަސްޓިސް ރިޓަޔާޑުގެ ލަގަބު ލިބޭނެ އެވެ. އަދި އެ ލަގަބު އެ ފަނޑިޔާރަކަށް ދޭންވާނީ އެކަމަށް ޓަކައި ބާއްވާ ޚާއްސަ ޖަލްސާއެއްގައި ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގައި ބުނާ ގޮތުން ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުން ވަކިވާ ކޮންމެ ބޭފުޅެއްގެ ނަންފުޅު ލިޔެވޭ ކޮންމެ ފަހަރަކު ނަންފުޅުގެ ކުރިއަށް ޖަސްޓިސް ރިޓަޔާޑުގެ ލަގަބު ބޭނުންކުރަންވާނެ ކަމަށެވެ. އަދި ޖަސްޓިސް ރިޓަޔާޑުގެ ލަގަބު ދެއްވާފައިވާ ކޮންމެ ފަނޑިޔާރަކަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ސެކިއުރިޓީ ހަމަޖައްސަންވާނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.