ރާއްޖޭގެ ގައުމީ ޓީމަށް ޔޫރަޕްގެ ކޯޗެއް ހަމަޖައްސަން މަސަކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވިދު ވިދާޅުވެއްޖެ އެވެ.

މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަވީދު ވިދާޅުވީ އެ ކޯޗަކީ ރާއްޖެއަށް އާ ކޯޗަކަށް ނުވާނެ ކަމަށާއި، ނަމަވެސް އެ ކޯޗާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ހާމަކުރެވެން އޮތީ މިހާރު ހުރި ގައުމީ ޓީމްގެ ކޯޗު ފުރުމުން ކަމަށެވެ.

ޝަވީދު ވިދާޅުވީ އަންނަ މަހުގެ 22 ގައި ބާއްވާ ޕޮމިސް ކަޕް މުބާރާތް ފެށުމުގެ ކުރިން އެ ކޯޗް ރާއްޖެ ގެނެވޭތޯ މިހާރު އެފްއޭއެމުން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އޭނާ ވިދާޅުވީ މި އަހަރަކީ ގައުމީ ޓީމަށް ވަރަށް މުހިންމު އަހަރެއް ކަމަށާއި، އަންނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގެ އިތުރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި އޭޝިއަން ގޭމްސް އަދި ސާފް ޗެންޕިއަންޝިޕްގައި ރާއްޖެ ވާދަކުރާއިރު، އެއިން ކޮންމެ ވެސް އެއް މުބާރާތަކުން ތަށްޓެއް ކާމިޔާބު ކުރުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.