ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޑެންމާކް ފްލައިޓެއްގެ ދަތުރުތައް ފަށައިފި އެވެ.

ގަން އެއާޕޯޓް ހިންގަމުން އަންނަ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުން ބުނީ، އެ ކުންފުންޏާއި އެ ސަރަހައްދުގެ ޓޫރިސްޓް ރިސޯޓްތަކާ ޓުއާ އޮޕަރޭޓަރުން ގުޅިގެން ގަން އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދުން ފެށިގެން ޑެންމާކު ފްލައިޓެއްގެ ދަތުރުތައް ފަށާފައިވާ ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ޑެޕިއުޓީ މެނޭޖަރު އޮޕަރޭޝަން އަހުމަދު ޝަފީގު ވިދާޅުވީ، އެ އެއާޕޯޓަށް ދަތުރުތައް ފަށާފައި ވަނީ ޑެންމާކުގެ ޖެޓް ޓައިމް ނަމަކަށް ކިޔާ އެއާލައިނެއްގެ ބޯއިން 737 މަރުކާގެ ފްލައިޓެއް ކަމަށެވެ.


"މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހާ ހަމައަށް ކޮންމެ މަހަަކު ތިން ދުވަހު އެ ފްލައިޓްގެ ޝެޑިއުލް ދަތުރުތައް ކުރާނެ. އަޅުނގަޑުމެން އެބަ ވިސްނަން މުއްދަތު އެކްސްޓެންޑް ކުރަން ވެސް،" ގަން އެއާޕޯޓުގެ ޑެޕިއުޓީ މެނާޖަރު ޝަފީގު ވިދާޅުވި އެވެ.

ޖުމްލަ 148 ފަސިންޖަރުންގެ ޖާގައިގެ އެ ފްލައިޓަކީ ޑެންމާކުގެ ދެވަނައަށް އެންމެ ބޮޑު އެއާޕޯޓް އޮންނަ ބިލަންޑް އެއާޕޯޓުން ފުރައިގެން ދުބާއީގައި ފިއުލް ކުރުމަށް މަޑުކުރުމަށްފަހު ގަމަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓެކެވެ.

ޕްރިމިއާ ލީގުގައި ވާދަކުރާ ވޭލްސްގެ ފުޓްބޯޅަ ކްލަބެއް ކަމަށްވާ ސްވާންސީ ސިޓީ އޭއެފްސީ ކުޅޭ އަވޭ މެޗްތަކަށް އެ ކްލަބްގެ ކުޅުންތެރިން އުފުލުމަށް ޗާޓަރު ކުރާ ޖެޓް ޓައިމްސް އިން ޔޫރަޕުގެ އިތުރުން އުތުރު އެފްރިކާގެ 30 އަށްވުރެ ގިނަ ގައުމުތަކަށް ދަތުރުތައް ކުރެއެވެ.