06 Jan 2015, 18:59
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކުރީގެ ޗެއާމަން ޑރ. އަބްދުﷲ ޝިހާމް ހަސަން ވިދާޅުވެއްޖެ އެވެ.
"ސަން"އާ ވާހަކަފުޅު ދައްކަވަމުން ޝިހާމް މިއަދު ވިދާޅުވީ 2018ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނީ އަމިއްލަ ގޮތުން ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން އަބަދުވެސް ޝައުގުވެރިވާ ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމާމެދު ރަހުމަތްތެރިންގެ ހިޔާލަކަށް "ވައިބާ" މެދުވެރިކޮށް މެސެޖުތަކެއް ފޮނުއްވެވި ކަމަށާއި ނަމަވެސް މީޑީއާއަށް އެކަން ތިލަވުމުން ފާޅުގައި ނުކުމެވަޑައިގެންނެވީ ކަމަށް ޝިހާމް ވިދާޅުވި އެވެ.
"އިންތިހާބުތައް އަންނަ އިރު އަޅުގަނޑަށް އިނގޭ ޝަރުތުތަކާއި ކަންޑިޝަންތައް. އަޅުގަނޑަށް އިނގޭ އަޅުގަނޑުގެ ޝަރުތު ހަމަވާކަން. އަޅުގަނޑުގެ އާއިލާއާއި އަޅުގަނޑުގެ ރަހުމަތްތެރިން ބުނާނެ ތިކަހަލަ ކަންތައްތަކާ ނޫޅޭށޭ. އެހެންވެ އަޅުގަނޑު އެކަހަލަ ކަންތައްތަކާ ކުރިމައްޗެއް ނުލަން. އެކަމަކު މިހާރު ސިޔާސީ ބޭފުޅުން ފެއިލްވެގެން ދިޔައީ. މުޅި ގައުމު ހަލާކުކޮށްލެއްވީ. އަޅުގަނޑު ދެކޭ ގޮތުގައި އެހެން ހައްދަވައިގެން ނުވާނެ،" މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ގާނޫނީ ދާއިރާ އިން ޕީއެޗްޑީ ހާސިލްކުރެއްވި ޝިހާމް ވިދާޅުވި އެވެ.
އަމާނާތަކާފުލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަން ވެސް ކުރައްވާ ޝީހާމް ވިދާޅުވީ ސިޔާސީ ކަންކަމާ ދުރުގައި ހުންނެވީ އާއިލާގެ ބޭފުޅުންނާއި ރަހުމަތްތެރިން ދެއްވި ނަސޭހަތް ގަބޫލުކޮށްގެން ކަމަށާއި ނަމަވެސް ގައުމުގެ މިއަދު މިސްރާބު ޖަހާފައިވާ ގޮތުން ވެރިކަމަށް ކުރިމަތިލައްވަން ނިންމެވީ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވާނީ ކޮންއިރަކުތޯ ސުވާލު ދެންނެވުމުން ޝިހާމް ވިދާޅުވީ "މިހާރު ވެސް ފޯނުން" މި ކުރައްވަނީ ކެމްޕެއިން ކަމަށާއި އެކަން ކުރުމަށް މާލީ ތަނަވަސްކަން ބޭނުން ނުވާ ކަމަށެވެ. ކެމްޕެއިނަށް ފައިސާ ބޭނުންވަނީ "މީސް މީހުންނަށް، ފައިސާ ބެހުމަށް ނޫން" ކަމަަށާއި ރާއްޖޭގެ ރަށްތަކަށް ޒިޔާރަތްކޮށް ކެމްޕެއިން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިހާމް ވިދާޅުވީ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަންނަވާ ކެންޑިޑޭޓަކަށް ވެސް އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށާއި އެމްޑީޕީ އާއި ޕީޕީއެމާއި އެމްޑީއޭގައި ތިބީ އޭނާގެ އެކުވެރިން ކަމަށެވެ. ޕާޓީގެ ފަރާތުން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން އަބަދުވެސް މަސައްކަތްޕުޅު ކުރައްވަނީ ޕާޓީގެ މެމްބަރުންގެ މަސްލަހަތަށް ކަމަށާއި ވެރިކަން ލިބިވަޑައިގެންފިނަމަ އެ ތަފާތު ކުރުންތައް ނުގެންގުޅުއްވާނެ ކަމަށް ޝިހާމް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީގައި ގައުމީ ޔުނިވާސިޓީގައި މަސައްކަތްޕުޅު ކުރައްވާފައިވާ ޝިހާމް ވަނީ ފިގުހު އެކަޑަމީގެ މެމްބަރުކަން ހަތަރު އަހަރު ކުރައްވާފަ އެވެ. އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބަށް އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ގާނޫނީ ލަފާ ދެއްވެވި ޝިހާމަކީ ފަރިތަކޮށް އަރަބި ބަހުން ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ.