06 Jan 2015, 17:27
ކައިރީގައި ހުރި އެހެން އިމާރާތްތަކުގެ މަންޒަރު ބަދަލުވެދާނެ ކަމަށް ބުނެ، ފްރާންސުގެ ގަދީމީ އިމާރާތެއް މަރާމާތު ކުރުން ކޯޓުން ހުއްޓުވައިފި އެވެ.
ނިއުސް އޭޖެންސީ އޭއެފްޕީ އިން މިއަދު ބުނީ ޕާސިއަން ރިއަލް އެސްޓޭޓް މުދާ ހުންނަ ލަ ސަމަރަޓައިން އިމާރާތް، ސޭފްޓީ މައްސަލަތަކެެއް ދިމާވެގެން 2005 ވަނަ އަހަރު ބަންދުކޮށްފައިވާ ކަމަށެވެ.
ޖަޕާނުގެ އާކިޓެކްޗާ ފާމަކާ ހަވާލުކޮށްގެން އެ އިމާރާތުގެ މޫނު މައްޗަށް ބަދަލުތަކެެއް ގެނެސްގެން، މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ކުރަނިކޮށް ވަނީ އެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ.
މިހާރު އެ އިމާރާތުގެ ވެރިފަރާތަކީ ލަގުޒަރީ ބްރޭޑް ކޮމެޕެނީ، އެލްވީއެމްއެޗު އެވެ. އެ މީހުން މަސައްކަތް ކުރަނީ އިމާރާތުގެ މޫނުމަތީގައި ބިއްލޫރި ޖަހައި އިމާރާތް ބޭރަށް ފެންނަން ހުންނަ ގޮތަށް ބަދަލު ގެނައުމަށެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެ އިމާރާތަށް އެފަދަ ބަދަލެެއް ގެނެސްފި ނަމަ، ފްރާންސުގެ ކެޕިޓަލް ސިޓީ، ޕެރިހުގެ މުޅި މޫނު މަތި ބަދަލުވެގެން ދާނެ ކަމަށެވެ.
އެލްވީއެމްއެޗު އިން ބޭނުން ވަނީ އެ އިމާރާތުގެ މައި އިމާރާތާއި އަދި ޖެހިގެން ހުންނަ ތިން ބައެެއްގައި ފަސްތަރީގެ ހޮޓަލަކާއި އޮފީސް، އަދި ފިހާރަތައް ގާއިމުކޮށް އިމާރާތް ބަދަލުކޮށްލުމަށެވެ. އެކަމަށް 630 މިލިއަން ޑޮލަރު ހަރަދުވެ އެވެ.
ނަމަވެސް އެ ޑިޒައިންނާ ދެކޮޅު ހެދީ ޕެރިހުގެ ހެރިޓޭޖު ގްރޫޕްތަކުންނެވެ. ނަތީޖާއެއްގެ ގޮތުން އެޕީލް ކޯޓުން ބުނީ އިމާރާތުގެ މޫނުމައްޗަށް ބިއްލޫރި "ފާރެއް" ލައިފި ނަމަ އެ ސަރަހައްދުގެ އެހެން އިމާރާތްތަކާ ފުށުއަރާނެ ކަމަށެވެ.