06 Jan 2015, 17:13
ރާއްޖޭގައި ފުޓްބޯޅަ ތަރައްގީކޮށް ކުރިއެރުވުމަށް ކޮށްދިން ޚދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އޭޝިއަން ފުޓްބޯލް ފެޑަރޭޝަން (އޭއެފްސީ) އިން ދޭ ސިލްވާ ސްޓާ އެވޯޑް އެފްއޭއެމްގެ ކުރީގެ ޗެއާމަން އަބްދުއްޝުކޫރުއަށް ދެއްވައިފިއެވެ.
އެ އެވޯޑް އަބްދުއްޝުކޫރުއާ ހަވާލުކޮށްދެއްވީ މިއަދު އެފްއޭއެމް ހައުސްގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޗެއާމަން ޝަވީދު ވިދާޅުވީ އަބްދުއްޝުކޫރަކީ ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި، އެ އޭނާގެ ޚިދުމަތުގެ އަގު އޭއެފްސީން ވަޒަންކުރުމަކީ ރާއްޖޭގެ ފުޓުބޯޅައަށްވެސް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްޝުކޫރު ވަނީ އޭނާ ކޮށްދިން ޚިދުމަތުގެ އަގު އޭއެފްސީންނާއި އެފްއޭއެމުން ވަޒަންކުރުމުން އެކަމަށްޓަކައި އެ ދެ އިދާރާއަށްވެސް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް ރާއްޖޭގެ ފުޓްބޯޅައަށް ޚިދުމަތް ކޮށްދިނުމުގައި ދެމި ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެފްއޭއެމަށް 25 އަހަރު ވަންދެން ޚިދުމަތް ކޮށްދެއްވި ޝުކޫރު ވަނީ ތިން އަހަރު ވަންދެން އެފްއޭއެމްގެ ޗެއާމަންކަން އަދާކޮށްފައެވެ. މިހާރު އޭނާ އަކީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރެވެ.