މި މަހުގެ 22 ވަނަ ދުވަހުން 28 ވަނަ ދުވަހަށް ބާއްވަން ހަމަޖެހިފައިވާ ޕޮމިސް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދާކުރާ ބިދޭސީ ދެ ޓީމްގެ ގޮތުގައި މެލޭޝިއާގެ ޕީޑީއާރްއެމް އާއި ސިންގަޕޫރުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމް ސިންގަޕޯރ ލަޔަންސް ހަމަޖެހިއްޖެ އެވެ.

ޕޮމިސް ކަޕްގައި ވާދަކުރާ ދެ ޓީމްގެ ގޮތުގައި އެ ދެ ޓީމް ހަމަޖެހުނުކަން އެފްއޭއެމުން ޔަގީންކޮށްދީފައި ވަނީ މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅިވީ، އެ ދެ ޓީމުން މިހާރު އެ މުބާރާތުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ރަސްމީކޮށް އެފްއޭއެމަށް ދީފައި ވާކަމަށެވެ.

ޕޮމިސް ކަޕާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަވީދު އިތުރަށް ވިދާޅުވީ، އެ މުބާރާތަށް މިފަހަރު ފައިސާގެ އިނާމެއް ހުށަހެޅިފައި ނުވާކަމަށާއި، ނަމަވެސް އެ މުބާރާތުގެ ޓްރޮފީއަކީ ވަރަށް ޝަރަފްވެރި ޓްރޮފީއަކަށް ވާނެ ކަމަށެވެ. އަދި އެ މުބާރާތުގައި ބައިވެރިވާ ބިދޭސީ ދެ ޓީމަށް ރާއްޖޭގައި އެކޮމޮޑޭޝަން، ރައީސް އޮފީހުން ހަމަޖައްސަވައިދެއްވާ ވާއިރު، އެ މުބާރާތަށް އެ ޓީމްތައް ރާއްޖެ އަންނަން ހަމަޖެހިފައި ވަނީ އެ ކްލަބްތަކުގެ އަމިއްލަ ޓިކެޓުގައި މިމަހުގެ 21 ވަނަ ދުވަހު ކަމަށް ޝަވީދު ވިދާޅުވި އެވެ.

ޝަވީދު ވިދާޅުވީ، އެ މުބާރާތަށް ސްޕޮންސަރަކު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، އެ މުބާރާތުގެ ޓިކެޓުތަކުގެ އަގުތަކާއި އެހެނިހެން ތަފްސީލުތައް އަންނަ ހަފްތާގެ ތެރޭގައި އެފްއޭއެމުން ހާމަ ކުރާނެ ކަމަށެވެ.

މުބާރާތުގައި ބައިވެރިވި ޓީމްތަކާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ޝަވީދު ވިދާޅުވީ، ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް ކުޅެމުން އަންނަ މެލޭޝިއާގެ ކްލަބް ޕީޑީއާރްއެމްއަށް އެ މުބާރާތަށް ދައުވަތު ދޭން ނިންމީ ދަގަނޑޭ އަކީ ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް މުހިންމު ކުޅުންތެރިއަކަށް ވާތީ އޭނާގެ ބައިވެރި ވުމާއެކު އެ މުބާރާތް ކުރިއަށް ގެންދަން އެފްއޭއެމުން ބޭނުންވާތީ ކަމަށެވެ. އަދި ދަގަނޑޭގެ ކުޅުމަށް އައިސްފައިވާ ކުރިއެރުން ސަޕޯޓަރުންނަށް ދައްކާލަން ބޭނުންވާތީ ކަމަށް ވެސް ޝަވީދު ވިދާޅުވި އެވެ.

ޕީޑީއާރްއެމްގެ އިތުރުން ސިންގަޕޯރ ލަޔަންސް އަކީވެސް ވަރަށް ފެންވަރު ރަނގަޅު ޓީމެއް ކަމަށާއި، އެ ޓީމަކީ ސިންގަޕޫރުގެ ސުޕަ ލީގުގައި ވާދަކުރަމުން އަންނަ ޓީމެއް ކަމަށް ޝަވީދު ވިދާޅުވި އެވެ.

ގިނަ އަހަރުތަކަކަށްފަހު ރާއްޖޭގައި އަނެއްކާވެސް މިއަހަރު ބާއްވަން ނިންމި ޕޮމިސް ކަޕް 2003 ވަނަ އަހަރުން ފެށިގެން މެދު ކެނޑިގެން ދިޔައީ އެ މުބާރާތުގައި ވާދަކުރާ ބޭރުގެ ފެންވަރު ރަނގަޅު ޓީމެއް ނުލިބުމުގެ ސަބަބުންނެވެ. އެ މުބާރާތުގައި މިފަހަރު ވާދަކުރާ ބޭރުގެ ދެ ޓީމް މިހާރު ކަށަވަރު ވެފައި ވާއިރު، އެފްއޭއެމުން ވަނީ މިފަހަރު އެ މުބާރާތުގައި ހަމައެކަނި ލީގުގެ އެންމެ މަތީގައި އުޅޭ ދެ ޓީމް ކަމަށްވާ ނިއުރޭޑިއެންޓާއި މާޒިޔާއަށް ވާދަކުރެވޭ ގޮތަށް ނިންމާފައެވެ.