ކުޑަކުދިންގެ ހައްގުތައް ފުރިހަމަ ގޮތުގައި ހިމާޔަތްކުރުމަށް، މިހާރު އޮތް ގާނޫނަކީ އެކަށީގެންވާ ގާނޫނެއް ނޫން ކަމަށާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމާ ބެހޭ އާ ގާނޫނު މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ކުޑަކުދިންގެ މައްސަލަތަކާއި ގުޅިގެން އެކިއެކި ފަރާތްތަކުން އަމަލް ކުރަމުން ގެންދާ ގޮތުގެ ސަބަބުން ބައެއް ފަހަރު އެ ކުދިންގެ ހައްގުތައް ދަނީ ގެއްލެމުންނެވެ. އަދި ބައެއް ކުޑަކުދިންނަށް އެހީވުމުގެ ނިޔަތުގައި އެކިއެކި ފަރާތްތަކުން އެކުދިންނާ ބެހޭ މައުލޫމާތާ އެކަށީގެންނުވާ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކުރާ މައްސަލަ ވެސް ވަނީ އިތުރުވެފަ އެވެ.

ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު 'ސަން' އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ، ކުޑަކުދިންގެ ކަރާމާތް ގެއްލޭ ފަދަ ގޮތަކަށް އަމަލުކުރާ ކޮންމެ ފަހަރަކު އެ ޕޭރަންޓަކަށް ނުވަތަ އެބަޔަކަށް ގުޅައިގެން އެކަން ނުކުރުމަށް ނުވަތަ އެކަމާ ބެހޭ ގޮތުން ވާހަކަދެއްކުމަކީ ދަތިކަމެއް ކަމަށެވެ.

ނަމަވެސް މިހާރު ޑްރާފްޓްކުރަމުން އަންނަ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމާ ބެހޭ އާ ގާނޫނު ވުޖޫދަށް އައުމުން އެކުދިންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ނިޒާމެއް ގާއިމް ވެގެންދާނެ ކަމަށްވެސް ޝިދާތާ ވިދާޅުވި އެވެ.

"މިހާރު އަމަލުކުރަމުންދާ ގާނޫނަކީ 1980 ގެ އަހަރު ތަކުގައި އަމަލްކުރަން ފަށައިފައިވާ ގާނޫނެއް. އެހެންނަމަވެސް އެ ގާނޫނަކީ ދަތްނެތް ގާނޫނެއް. ކުޑަކުދިންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިއެއް ނުކޮށްދެވޭ އެގާނޫނުގެ ދަށުން. އަލަށް އެކުލަވާލާ ގާނޫނުގެ ދަށުން ބެލެނިވެރިންނާއި ކުޑަކުދިންނާއި މުއައްސަސާތަކުގެ ޒިންމާތައް ބަޔާން ކުރެވިފައިވާނެ،"ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ، ގިނަ ފަހަރު ބައެއް އާއިލާތަކުން ކުޑަކުދިންނަށް އެހީތެރިކަން ހޯދުމަށް ކުޑަކުދިންގެ މައުލޫމާތާއި ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމު ކުރަނީ މަޖުބޫރީ ހާލަތެއްގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެފަަދަ ކަންކަން ކުރާއިރު ވެސް އެކުދިންގެ ހައްގުތައް ނުގެއްލޭނެ ފަދަ ގޮތަކަށް އަމަލް ކުރުމަކީ މުޅި މުޖުތަމައުގެ އެންމެންގެ ވެސް ޒިންމާއެއް ކަމުގައި ދެކެންޖެހޭ ކަމަށް ވިދާޅުވި އެވެ.

"ކުޑަކުދިންގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ފަންޑް ރެއިސް ކުރުމުގެ ހަރަކާތްތައް ވެސް އެބަ ހިންގާ. އޭގައި މާބޮޑު މައްސަލަތަކެއް ނެތް. ނަމަވެސް ބައެއް ހާލަތްތަކުގައި އެކުދިންގެ ފޮޓޯ ސޯޝަލް މީޑިއާތަކުގަ އާއި މީޑިއާތަކުގައި ޖެހުމުގެ ސަބަބުން އެކުދިން ވަރަށް ބޮޑަށް އެބަ 'ވިކްޓިމައިޒް'ވޭ. އެކުދިންގެ ކަރާމާތަށް ހައްގުތަކަށް އެބަ އަރައިގަނެވޭ. މިސާލަކަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އެކަށީގެން ނުވާ ފޮޓޯ އެބަޖަހާ،" ޝިދާތާ ވިދާޅުވި އެވެ.

މީގެއިތުރުން ޖިންސީ އެކިއެކި މައްސަލަތަކުގައި އެކުދިންނާ ގުޅުން ހުރި މައުލޫމާތު އާއްމު ކުރުމާއި ކުޑަކުދިން ފިލައިގެން އުޅޭ މައްސަލަތައް ރިޕޯޓް ކުރާއިރު ވެސް އެކުދިންގެ ފޮޓޯ އާއްމުކުރުމަކީ ވެސް އެކުދިން ވިކްޓިމައިޒްވެ، އެކުދިންގެ ކަރާމާތް ގެއްލޭ ފަދަ ހާލަތްތައް މެދުވެރިވަމުން އަންނަ ވަރަށް ބޮޑު މައްސަލައެއް ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.