06 Jan 2015, 16:32
ރާއްޖޭގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ސްރީލަންކާގެ ގައިދީންތަކެއް ސްރީލަންކާ ސަރުކާރާ ހަވާލު ކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ އެގޮތަށް ސަރުކާރުން ނިންމެވީ، ދިވެހި ސަރުކާރާއި ލަންކާ ސަރުކާރާ ދެމެދު އޮންނަ ގާތް ގުޅުމުގެ ތެރެއިން ކަމަށެވެ. އަދި ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކުން އެމީހުން ލަންކާގެ ސަރުކާރާ ހަވާލުކުރުމުގެ ކަންތައް ކުރިއަށްގެންދާނެ ކަމަށެވެ.
ސަރުކާރުގެ އެ ނިންމުމުގެ ދަށުން ރާއްޖޭގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ލަންކާގެ 15 ގައިދީއަކު ލަންކާ ސަރުކާރާ ހަވާލުކުރުމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް އެއީ ކޮންކޮން މައްސަލަތަކެއްގައި ކިހާ މުއްދަތަކަށް ޖަލަށް ލާފައި ތިބި ގައިދީންތަކެއް ކަމެއް ތަރުޖަމާން ވިދާޅެއް ނުވެ އެވެ.