06 Jan 2015, 16:30
ކޮންމެ ދިވެއްސަކަށް ކީރިތި ގްރުއާނުގެ ކޮޕީއެއް ނުވަތަ މުސްހަފެއް ދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއަށް ކަރަންޓް ކުންފުނި، ސްޓެލްކޯގެ ފަރާތުން އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މުސްހަފް ޗާޕުކުރުމަށް ހުޅުވާފައިވާ ފަންޑަށް ސްޓެލްކޯގެ ފަރާތުން 154,200 ހަދިޔާ ކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ޝުކޫރެވެ. އަދި އެ ފައިސާއާ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދެވެ.
ޝަހީމު މިއަދު 'ސަން' އަށް ވިދާޅުވީ، މިހާތަނަށް 20 ވަރަކަށް ކުންފުނިން އެ ކުންފުންޏަށް އެހީދީފައިވާ ކަމަށެވެ. އަދި އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު މުސްހަފްތައް ޗާޕްކުރެވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ، މުސްހަފް ފަންޑު ބަންދުކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.
"ކޮންމެ ދިވެއްސަކަށް މުސްހަފެއް"ގެ ނަމުގައި ބަހްރެއިން ގްރުއާން ކެއާ ސޮސައިޓީއާ ގުޅިގެން ފެށި އެ މަޝްރޫއު އިފްތިތާހްކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އަދި ހަމަ އެ ދުވަހު ބަހްރެއިންގައި ވެސް ވަނީ އެ މަޝްރޫއަށް ފައިސާ ހޯދުމުގެ މަސައްކަތް ފައްޓައިފަ އެވެ.
އެ މަޝްރޫއުގެ ދަށުން މުސްހަފް ޗާޕް ކުރުމަށް ސަދަގާތް ކުރައްވަން ބޭނުންވާ ފަރާތްތަކަށް ބޭންކް މެދުވެރިކޮށް އަދި މޯބައިލް ފޯން މެދުވެރިކޮށް ސަދަގާތް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.