ހަތަރު ދައުރު ވަންދެން ފީފާގެ ރައީސްކަން ކުރެއްވި ސެޕް ބްލެޓާ މިއަހަރު ބާއްވާ ފީފާގެ ރިޔާސީ އިންތިހާބުގައި ފަސް ވަނަ ދައުރަކަށް ވާދަކުރައްވަން ނިންމާފައި ވަނިކޮށް، އެ މަގާމަށް ވާދަކުރެއްވުމަށް ފީފާގެ ނައިބު ރައީސްކަން އަދާކުރައްވަމުން އަންނަ ޖޯޑަންގެ ޕްރިންސް އަލީ ބިން އަލް ހުސެއިން ނިންމަވައިފި އެވެ.

ފީފާގެ ހިންގާ ކޮމިޓީއަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވާ މި ދަނޑިވަޅުގައި އެ މަގާމަށް ކުރިމަތިލެއްވުމަށް ނިންމެވިކަން ހާމަކުރައްވަމުން ޕްރިންސް އަލީ ވިދާޅުވީ، ފީފާގެ ބަދަލުގައި މިހާރު ފުޓްބޯޅައަށް ފޯކަސް ކުރަންވީ ވަގުތު އައިސްފައި ވާކަމަށާއި، ނޫހުގެ ސުރުހީތައް ފަވާލެވެން ޖެހޭނީ ފީފާގެ ހަބަރުތަކުން ނޫން ކަމަށާއި ފުޓްބޯޅައިގެ ހަބަރުތަކުން ކަމަށެވެ. އަދި ފީފާއަކީ ފުޓްބޯޅައަށް ހިދުމަތް ކުރަން އުފެދިފައިވާ މުއައްސަސާއެއް ކަމަށާއި، އެހެން ކަމުން ފީފާ ހިންގެން ވާނީ ދުނިޔެ ގަބޫލް ކުރާ ފެންވަރެއްގައި ކަމަށްވެސް ޕްރިންސް އަލީ ވިދާޅުވި އެވެ.

"ފުޓްބޯޅައަކީ ދުނިޔޭގެ ކުޅިވަރު. އެ ކުޅިވަރަށް ހިދުމަތް ކޮށްދޭން އުފެދިފައިވާ މުއައްސަސާ، ފީފާ ވާންޖެހޭނީ ދުނިޔެ ގަބޫލްކުރާ ފެންވަރަކަށް ހިންގޭ މުއައްސަސާއަކަށް. ރަނގަޅަށް ހިންގުމުގެ އިތުރުން، އެ މުއައްސަސާ ގެންގުޅެން ޖެހޭނީ ދެފުއް ފެންނަ ސިޔާސަތެއް. އަދި އެ މުއައްސަސާގެ އަހުލާގީ މިންގަނޑު ތަކަކީ ދުނިޔެއަށް ނަމޫނާއަކަށް ވާންޖެހޭ. ފީފާ ހިންގާ ގޮތާމެދު ވާހަކަ ދެއްކުމުގެ ބަދަލުގައި ނޫސްތަކުގެ ސުރުހީތައް ފަވާލެވެން ޖެހޭނީ ފުޓްބޯޅައިގެ ހަބަރުތަކުން،" އޭނާ ވިދާޅުވި އެވެ.

ބްލެޓާގެ 17 އަހަރުގެ ރައީސް ކަމުގައި ފީފާއަށް ކޮރަޕްޝަނާއި ރިޝްވަތު ހިފުމުގެ އެތައް ތުހުމަތުތަކެއް އަމާޒުވެފައި ވާއިރު، ޕްރިންސް އަލީ ވިދާޅިވީ، އެ މުއައްސަސާގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމެވި ނިންމެވުމަކީ ފަސޭހަ ނިންމެވުމެއް ނޫންކަމަށާއި، އެ މަގާމަށް ކުރިމަތިލައްވަން ނިންމެވީ އެކަމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނަވައި، އެކި ފަރާތްތަކާއި މަޝްވަރާވެސް ކުރެއްވުމަށް ފަހު ކަމަށެވެ.

"މިއީ ފަސޭހަ ނިންމުމެއް ނޫން. އެ ނިންމުން އަހަރެން ނިންމީ ވަރަށް ފުންކޮށް އެކަމާ ދޭތެރޭ ވިސްނުމަށްފަހު، ފީފާގައި އަހަންނާ އެކު މަސައްކަތްކުރާ ފަރާތްތަކުގެ މަޝްވަރާއާވެސް އެކީ. އެހުރިހާ ކަމަކުންވެސް އަހަންނަށް ލިބުނު މެސެޖަކީ މިހާރު ބަދަލަކަށް ވަގުތު އައިސް ޖެހިއްޖެކަން،" އޭނާ ވިދާޅުވި އެވެ.

ގަތަރުގެ ދޯހާގައި 2011 ވަނަ އަހަރު ބޭއްވި އިނތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ފީފާގެ ނައިބު ރައީސްކަމާ ހަވާލުވެލެއްވި ޕްރިންސް އަލީ އޭގެ ކުރިން 1999 ވަނީ ޖޯޑަންގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޗެއާމަންކަންވެސް އަދާކުރައްވައިފައެވެ. އަދި 2000 ވަނަ އަހަރު ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑަރޭޝަން އުފައްދަން އެހީތެރިވި ޕްރިންސް އަލީ ވަނީ ފީފާގެ ނައިބު ރައީސް ކަމުގައި އަންހެން ފުޓްބޯޅަ ކުޅުންތެރިން ބުރުގާ އަޅައިން ކުޅުން މަނާކުރާ ގަވައިދު ބަދަލުކޮށްފައެވެ.

ހަބަރުތައް ފެތުރިފައިވާ ގޮތުގައި ފީފާގެ ރައީސް ކަމަށް ޕްރިންސް އަލީ ކުރިމަތިލެއްވީ ޔޫއެފާގެ ރައީސް މިޝޭލް ޕްލެޓިނީގެ އިތުރުން ޔޫރަޕްގެ ފެޑަރޭޝަންތަކުގެ ބޮޑު ތާއީދަކާ އެކީއެވެ.