ޕެރިސް (ޖަނަވަރީ 6) : ޔުކްރޭންގެ މައްސަލާގައި ޔޫރަޕްގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓުމަކީ އަމަލީ ކަމެއް ނޫންކަމަށް ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް ވިދާޅުވެއްޖެ އެވެ.
އޮލާންދް ވިދާޅުވީ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ދިޔަވަޅުތަކުގެ ސަބަބުން ޔޫރަޕްގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށާ އެފިޔަވަޅުތައް ދެމެހެއްޓެނިވި ގޮތުގައި ތަންފީޒުވެސް ނުކުރެވޭނެ ކަމުގައެވެ. ޕެރިހުގައި ދެއްވި ބަޔާނެއްގައި އޮލާންދް ވިދާޅުވީ ޔޫރަޕުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް މަސައްކަތްކުރައްވާނެ ކަމުގައެވެ. ޔުކްރޭންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓުވުމާބެހޭ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު މިބައްދަލުވުމުގައި އެމައްސަލައަށް ހައްލެއް ލިބޭގޮތްވެއްޖެނަމަ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން ނައްތާލުމަށް ޔޫރަޕްގެ އިއްތިޙާދުގެ ކިބައިން އެދިވަޑައިގަންނަވާނެ ކަމަށް އޮލާންދް ވިދާޅުވިއެވެ.

ޔުކްރޭންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ރަޝިޔާ ވަންނަމުންދާކަމަށް ތުހުމަތުކޮށް އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން ރަޝިޔާއާ ދެކޮޅަށްއަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު ޚުދު ޔޫރަޕަށްވެސް ކުރަމުންދާކަމުގެ ޝަކުވާ އިޓަލީއާއި ހަންގެރީއާއި ސޮލޮވޭކިޔާފަދަ އިގްތިސާދި މައްސަލަތައް ކުރިމަތިވެފައިވާ ޔޫރަޕްގެ ގައުމުތަކުން ކުރަމުން ގެންދެއެވެ. ރަޝިޔާއިންވެސްވަނީ ކުރިން ގަންނަމުން ގެންދިޔަ ކާބޯތަކެތީގެ ބައެއް ބާވަތްތައް މިއަހަރުން ފެށިގެން ޔޫރަޕުން ގަތުން ހުއްޓާލުމަށް ނިންމާފައެވެ. މިއީ ޔޫރަޕުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ރަޝިޔާއިން ކުރާކަމެކެވެ.
ރަޝިޔާގެ މިފިޔަވަޅުގެ ސަބަބުން 10 ބިލިޔަން ޑޮލަރުގެ ގެއްލުމަކާ ޔޫރަޕްގެ ގައުމުތައް ކުރިމަތިލާންޖެހޭނެކަމަށް އިގްތިސާދީ ރިޕޯޓްތައް ބުނެފައިވެއެވެ. (ނޫސްއެޖެންސީތައް)