06 Jan 2015, 14:56
ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން، އަންނަ ބުރާސްފަތި ދުވަހު ރާއްޖޭގައި ދިނުމަށް ހަމަޖެހިފައިވާ ޝޯއަށް ތާއީދުކޮށް ސިޔާސީ ޕާޓީތަކުގެ ޒުވާނުން އެއްގަލަކަށް އަރައިފި އެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ގިނަ ސިޔާސީ ފާޓީތަކުގެ ޒުވާނުން ވަނީ މިކަމާ ގުޅިގެން އެއްގަލަކަށް އަރައި އޭކަންގެ ޝޯ ޕްރޮމޯޓު ކުރަން މަސައްކަތް ފަށައިފަ އެވެ. އެގޮތުން ޝޯ ޕްރޮމޯޓު ކުރުމުގައި އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން އެމްޑީއޭގެ ޒުވާނުން ވަނީ އޭކަންގެ ޝޯ ޕްރޮމޯޓު ކުރުމަށް މަސައްކަތް ފަށައިފަ އެވެ.
ޝޯ ޕްރޮމޯޓްކުރާ ޒުވާނުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޔާމީން މިއަދު 'ސަން'އަށް ވިދާޅުވީ، އޭކަންގެ ޝޯ ޕްރޮމޯޓު ކުރުމަށް ހަރަކާތްތެރި ވަނީ ސިޔާސީ ޕާޓީތަކުގައި ހަރަކާތްތެރިވާ ޒުވާނުން ކަމަށެވެ.
"އާދެ އަޅުގަނޑުމެން ސިޔާސީ ޕާޓީތަކުގެ ޒުވާނުން ވެގެން މިކަން ކުރިއަށް މި ގެންދަނީ. އެހެންނަމަވެސް މިކަަމަކީ ސިޔާސީ ޕާޓީތަކުން ރަސްމީ ގޮތުން ނިންމައިގެން ކުރިއަށް ގެންދާ ކަމެއް ނޫން. އަޅުގަނޑުމެން ސިޔާސީ ޕާޓީތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނުން މީޓްވެލައި، މިކަމާ ޑިސްކަސްކޮށްފައި މިކަމާއިގެން މިއުޅެނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، އާ އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވި ޝޯގައި ޝޯން ޕޯލް ގެންނަން ނިންމާފައި ވަނިކޮށް އޭނާ އެ ޝޯގައި ބައިވެރިނުވާން ނިންމީ "ބައިވަރު ކަންތައްތަކެއް މަސްހުނިވެގެން" ކަމަށެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އޭކަންގެ ޝޯގެ އިތުރުން ވެސް ޒުވާނުންނަށް ފައިދާ ހުރި ކަންކަމުގައި ހުރިހާ ފިކުރެއްގެ ޒުވާނުން މެދުގައި މަޝްވަރާ ކުރާނަން. އަދި އަޅުގަނޑުމެން މި ތިބީ ޒުވާނުންނަށް އެޑްވާންޓޭޖް ލިބޭ ކޮންމެ ކަމެއްގައި މަސައްކަތް ކުރަން،" ޔާމީން ވިދާޅުވި އެވެ.
ޝޯ ޕްރޮމޯޓު ކުރުމުގެ ގޮތުން ޒުވާނުން ދަނީ "އޭކަންގެ ޝޯ އަށް މަވެސް ދާނަން" ޖަހާފައިވާ ފޮޓޯތަކެއް ޝޯޝަލް މީޑިއާގައި އާންމުކުރަމުން ނެވެ.
އޭކަންގެ ޝޯ ޕްރޮމޯޓު ކުރަން ރާއްޖޭގައި ހަރަކާތްތެރިވާ، ސިޔާސީ ފާޓީތަކަށް ނިސްބަތްވާ ގިނަ ޒުވާނުން ގުޅިގެން ޝޯ ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވެސް ވަނީ އެކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ޒުވާނުން އެކައްޗެއް ކިޔައި ޝޯ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާތަން ފެނުމުން އެކަމާ އުފާ ކުރައްވާ ކަމަށް އަދީބު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.
އޭކަންގެ ޝޯ ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެވެ. އަދި އެރޭގެ ޝޯގައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ވެސް ބައިވެރިވާނެ ކަމަށް ބުނެ އަޑުތަކެއް ވަނީ ފެތުރިފައި އެވެ.