މިއީ ފުވައްމުލަކު އަނބު މޫސުން ކަމުގައިވާއިރު މާލޭގެ ބަޒާރުގައިވެސް ވަނީ އަނބު ތިޔާގިވެފައެވެ. އެއީ ފުވައްމުލަކުން ހެޔޮ އަގުގައި ގަންނަން ލިބޭ އަނބެވެ. ނަމަވެސް އެތަކެތި ހުރެހުރެ ފީ ވާއިރުވެސް މާލޭގެ ބާޒާރުގައި އަނބުގެ އަގު ދަށަށްދާ ތަނެއް ނުފެނެއެވެ.

މާލޭގެ ބާޒާރަށް ބަލާއިރު މީގެ ހަފްތާއެއްހާ ދުވަސް ކުރިންސުރެ ބާޒާރުގައި އަނބު ތިޔާގިވެފައިވާއިރު ފުރަތަމަވެސް އަނބެއް ވިއްކަން ފަށާފައިވަނީ 15 ރުފިޔާއާއި 20 ރުފިޔާއާއި ދޭތެރޭ އަގުތަކެއްގައެވެ. ހަ އަނބުގެ ބައެއް ވިއްކަމުންދަނީ 100 ރުފިޔާއަށެވެ. އޭގެ ތެރޭގައިވެސް ފީ އަނބު ގިނައެވެ.

މިއަދު ބާޒާރުގައި ވިއްކަން ބަހައްޓާފައިވާ އަނބުތަކެއް ފީވާން ފަށާފައި-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މީގެ ހަފްތާއަކާއި މިއަދާއި އަޅައިބަލާއިރު އެދުވަހާއި މިއަދުވުވެސް އަނބުގެ އަގަށް ތަފާތެއް ނާދެއެވެ. އަނބު ވިއްކަމުން ދަނީ އެ އަގަށެވެ. ތަފާތަކަށް އައީ އެންމެ ކަމެކެވެ. އެއީ އަނބު ފީވާން ފަށާފައިވާ ކަމެވެ. ނަމަވެސް އަގަކަށް ބަދަލެއް ނާދެއެވެ.

މާލޭގެ ބާޒާރުގައި ފީ އަނބެއްވެސް 20 ރުފިޔާއަށް ވިއްކަމުންދާއިރު ފުވައްމުލަކުން އަނބު ވިއްކަނީ ހެޔޮ އަގެއްގައެވެ. ފުވައްމުލަކުގެ އަގުތަކަށް ބަލާއިރު އަނބެއް 4 ރުފިޔާއަށާއި 5 އަށް ވިއްކައެވެ. ދެން މާލެއަށް ގެނައުމުގެ އަގުވެސް ބޮޑެއް ނޫނެވެ. އެގޮތުން 250 އަނބުގެ ވަށިގަނޑެއް މާލެއާ ހިސާބަށް 40 ރުފިޔާއަށް ގެނެސްދޭކަމަށް ފުވައްމުލަކުގެ ދަނޑުވެރިޔަކު ސަން އަށް މިއަދު ބުންޏެވެ.

މާލޭ ބާޒާރުގައި މިއަދު އަނބު ވިއްކަން މީހުން ތިބި ސަރަހައްދުންވެސް ފީވެގެން އުކާލާފައި ހުރި އަނބުފެނެއެވެ. އަދި އެއްބައި އަނބު ވަށިގަނޑު ތަކުގައި ގިނަ އަދަދަކަށް ފީވާން ކައިރިވެފައި ހުރި އަނބުތައް ވެސް ހުއްޓެވެ. ނަމަވެސް ދަނޑުވެރިންގެ ވާހަކަތަކަށް ބަލާއިރު އަނބުގެ އަގު ހެޔޮވާނެ ކަމަކަށް ނުބެލެވެއެވެ.