06 Jan 2015, 14:07
ދުނިޔެއިން މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ކަންނެއްޔެއް އއ. ތޮއްޑޫ މަސްދޯންޏަކުން ބާނައިފި އެވެ.
އާއްމުކޮށް ދިވެހިން ބާނާ ރީނދޫ އުރަހަ ކަންނެއްޔާއި ލޯ ބޮޑު ކަންނެލީގެ އުރަހަތައް ރީނދޫކޮށް ހުރި ނަމަވެސް މިދިޔަ އަހަރު އޮކްޓޯބަރު މަހު ތޮއްޑޫ ނަސްރު ނަމަކަށް ކިޔާ މަސްދޯނިން ބޭނި ކަންނެލީގެ އުރަަހައިގައާއި ކޮތަރީގައި ހުރީ ގަދަ ކަޅު ކުލައެވެ.
ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގަމުން އަންްނަ މެރިން ރިސާޗް ސެންޓަރުން މިދިޔަ އާދީއްތަ ދުވަހު ބުނީ އެ ކަންނެއްޔަކީ ހުޅަނގު އެޓްލާންޓިކް ކަނޑުން އާއްމުކޮށް ފެންނަ އެކަމަކު އިންޑިއާ ކަނޑުގެ ސަރަހައްދުން ވަރަށް މަދުން ފެންނަ ވައްތަރެއް ކަމަށްވާ ކަޅު އުރަހަ ކަންނަންޔެއް ކަމަށެވެ.
ކަޅު އުރަހަ ކަންނެއްޔަކީ ރީނދޫ އުރަހަ ކަންނެއްޔާ އެއްވަރަށް ބޮޑުވާ ވައްތަރެއް ނޫނެވެ. އެ ބާވަތުގެ ކަންނެލީގެ ބަރުދަނުގައި އެންމެ ބަރުކޮށް ހުންނަކަމަށް ރިކޯޑް ކުރެވިފައިވަނީ 22.6 ކިލޯ އެވެ. ނަމަވެސް، ތޮއްޑޫ މަސްދޯނިން ބޭނި ކަންނެލީގެ ބަރުދަނުގައި 44 ކިލޯ ހުރިކަމަށް މެރިން ރިސާޗް ސެންޓަރުން ބުންޏެވެ.
މެރިން ރިސާޗް ސެންޓަރުން ބުނީ، އެ މަހާ ގުޅޭގޮތުން ދުނިޔޭގެ ފާހަގަކޮށްލެވޭ ބައިނަލްއަގްވާމީ ބަޔޮލޮޖިސްޓުންނާއި މަޝްވަރާކުރެއްވި ކަމަށެވެ. އަދި މަޝްވަރާތަކުން ތޮއްޑޫ މަސްދޯނިން ބޭނި ކަންނެއްޔަކީ ވަރަށް މަދުން ފެންނަ 'މެލާސިޒަމް' ވައްތަރުގެ ރީނދޫ އުރަހަ ކަންނެއްޔެއް ކަމަށެވެ.
އެލްބީނޯގެ އިދިކޮޅު މެލޭނިޒަމްގެ ސަބަބުން، ބައެއް ޖަނަވާރުގެ ހަމުގެ ކުލަ އެއްކޮށް ކަޅުކުލައަށް ނުވަތަ ކޮންމެ ވެސް އެއްބައި ކަޅު ކުލައަށް ބަދަލުވެއެވެ. އަދި މެލޭނިޒަމް ހުންނަ ގިނަ ބާވަތްތަކުގެ ޖަނަވާރު ދުނިޔޭގައި އުޅެއެވެ.
މެރިން ރިސާޗް ސެންޓަރުން ބުނީ، ތޮއްޑޫ މަސްދޯނިން ބޭނި ވައްތަރުގެ މެލޭނިޒަމް ވައްތަރުގެ ކަންނެއްޔެއް މީގެ ކުރިން ފިޖީގެ މަސްވެރިން ވެސް ބާނާފައިވާ ކަމަށެވެ.