ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބަށް ކުޅުންތެރިން ދިގު މުއްދަތަކަށް ސޮއި ކުރަނީ އެ ކުޅުންތެރިން ކްލަބުގެ މެނޭޖްމަންޓަށާއި ޗެއާމަނަށް އިތުބާރު ކުރާތީ ކަމަށް ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވެއްޖެ އެވެ.

ބަލަކް ވިދަޅުވީ، ފުޓްބޯޅައާއި އެހެން ކުޅިވަރުތަކުގައިވެސް އެންމެ މުހިއްމު ކަމަކީ ކުޅުންތެރިންގެ އިތުބާރު ހޯދުން ކަމަށާއި، ފުޓްބޯޅައިގައި ކްލަބަކަށް ކުޅުންތެރިންގެ އިތުބާރު ލިބިގެން ދިޔުމަކީ މުބާރާތެއް ކާމިޔާބުވުން ފަދަ ކަމެއް ކަމަށެވެ. އަދި މީގެ ކުރިން ދިގު މުއްދަތަކަށް ކުޅުންތެރިން ކްލަބްތަކާއެކު ކޮންޓްރެކްޓެއްގައި ސޮއި ނުކުރިއަސް، މިހާރު ނިއުގައި އެކަން ބަދަލުވެފައި ވާކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން އާންމުކޮށް ކުޅުންތެރިން ކްލަބަކާއެކު ކޮންޓްރެކްޓެއްގައި ސޮއިކުރާނީ އެއް އަހަރަށް. ނަމަވެސް މިހާރު ނިއުގައި ވަނީ އެ ސަގާފަތް ބަދަލުވެފަ. މިހާރު ކުޅުންތެރިން ދެ އަހަރަށް، ނުވަތަ ފަސް އަހަރަށްވެސް ނިއުއަށް ސޮއިކުރާކަށް ފަހެއް ނުޖެހޭ. އެކަމުން އަންގައިދެނީ މި ކްލަބުގެ މެނޭޖްމަންޓަށާއި އަޅުގަނޑަށް އެ ކުޅުންތެރިން އިތުބާރު ކުރާކަން. ފުޓްބޯޅައިގައި އެ އިތުބާރަކީ މުބާރާތެއް ކާމިޔާބު ކުރުންހާ މުހިންމު ކަމެއް،" ބަލަކް ވިދާޅުވި އެވެ.

ބަލަކް ވިދާޅުވީ، މި ސީޒަންގެ ޓްރާންސްފާތައް މިހަރު އެ ކްލަބުން ނިމިފައި ވާކަމަށް ވިއަސް، ކުރިއަށް އޮތްތާވެސް ކްލަބަށް ސޮއިކުރާ ކުޅުންތެރިން ސޮއި ކުރާނީ ދިގު މުއްދަތުގެ ކޮންޓްރެކްޓުތަކުގައި ކަމަށާއި، އޭގެ ސަބަބުން ކުޅުންތެރިންނާއި ކްލަބާމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުވެގެން ދާނެ ކަމަށެވެ.

"މިފަހަރުގެ ޓްރާންސްފާތައް ނިއުއިން މިހާރު ނިންމައިފިން. އަދި ކުރިއަށް އޮތް ވާދަވެރި ސީޒަނަށް މިހާރު މި އޮތް ސްކޮޑަށް ކުރިމަތި ލެވޭނެކަން އަޅުގަނޑުމެން ގަބޫލް ކުރަން. ދިވެހި ކުޅުންތެރިންގެ އިތުރުން ކްލަބަށް ގެނައި ބޭރުގެ ކުޅުންތެރިންގެ ސަބަބުން މިހާރު ސްކޮޑު ވަނީ އިތުރަށް ވަރުގަދަ ވެފަ. ކުރިއަށް އޮތްތާނގައިވެސް ނިއުއަށް ސޮއިކުރާ ކުޅުންތެރިން ސޮއިކުރާނީ ދިގު މުއްދަތަކަށް. އޭގެ ސަބަބުން ކްލަބާ ކުޅުންތެރިންނާ މެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދާނެ. އަދި ވަކިން ހާއްސަކޮށް އަލަށް ނިކުންނަ ކުޅުންތެރިންނަށް މި ކްލަބުގެ ބަޔަކަށްވެ، ކްލަބުގައި މުހިއްމު ރޯލެއް އަދާކުރަން އެކަމުގެ ސަބަބުން މަގުފަހި ވެގެން ދާނެ،" ބަލަކް ވިދާޅުވި އެވެ.

އަންނަ ސީޒަނަށް ނިއުއާއެކު ވެފައިވާ އެއްބަސްވުން ދެ އަހަރު ދުވަހަށް އެ ޓީމްގެ މުހިންމު ކުޅުންތެރިންތަކެއް އާކޮށްފައި ވާއިރު، އޭގެ ތެރޭގައި މުހައްމަދު އުމައިރު އާއި އަލީ ފާސިރު (ސެންޓޭ) އަދި އަކްރަމް އަބްދުލް ޣަނީ ހިމެނެއެވެ. އަދި އެންމެ ފަހުން އެ ކްލަބާއެކު ކޮންޓްރެކްޓު އާކުރި މުހައްމަދު ރަޝީދު (ހޮކޭ) ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހު އެ ކްލަބަށް ކުޅެދޭން އެއްބަސްވެފައެވެ.

ނިއުގެ ޗެއާމަންކަމާ ބަލަކް ހަވާލުވުމަށްފަހު އެ ކްލަބުން ވޭތުވެދިޔަ އަހަރުތަކުގައި ފާހަގަ ކޮށްލެވޭފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ވާއިރު، އެ ކްލަބްގެ ކާމިޔާބީތަކަށް މަރުހަބާ ކިޔުމުގެ ގޮތުން ފީފާގެ ރައީސް ސެޕް ބްލެޓާ ވަނީ އެ ކްލަބަށް ހައްސަ ސިޓީއެއްވެސް ފޮނުވާފައެވެ.

ރާއްޖޭގެ ތާރީހުގައިވެސް ގައުމީ މުބާރާތުގެ ތަށި މިލްކު ކުރި ދެވަނަ ޓީމަށް މިދިޔަ އަހަރު ނިއު ވެފައި ވާއިރު، އެ ކްލަބުން ވަނީ މިދިޔަ އަހަރު ދިވެހި ލީގުވެސް މިލްކު ކޮށްފައެވެ. އޭގެ އިތުރުން 2013 ވަނަ އަހަރު ރާއްޖޭގައި ކުޅުނު މުބާރާތްތައް އެއްވެސް މެޗަކުން ބަލިނުވެ ނިއު ކާމިޔާބު ކޮށްފައި ވާއިރު، އެ އަހަރު އެ ކަލްބް ވަނީ އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލަށްވެސް ދަތުރު ކޮށްފައެވެ.