ލ. މާވަށު އަންހެނަކު ކައިވެނިން ބޭރުން ވިހެވުމަށް ފަހު، އެ ކުއްޖާ ބަލާނެ އާއިލާއެއް ހޯދަން ސޯޝަލް މީޑިއާގައި އާއްމުކުރި ކުއްޖާ ބަލަން ބަޔަކު ހަވާލުވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މިއަދު 'ސަން'އަށް ވިދާޅުވީ، އެ ކުއްޖާގެ މަންމަ ބޭނުންވެގެން އެހެން ދެ މަފިރިއަކާ އެ ތުއްތު ކުއްޖާ ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ކަމަށެވެ.

"ޖެންޑާ މެދުވެރިނުކޮށް ވެސް އެ ކުއްޖާގެ މަންމަ ބޭނުންވާ ނަމަ އެ ކުއްޖާ އެހެން ބަޔަކާ ހަވާލުކުރެވޭނެ. ނަމަވެސް ކުއްޖާއަށް އިހުމާލުވެ ނޫނީ ރައްކާތެރިކަމެއް ނެތް ކަމުގެ މައުލޫމާތެއް ލިބިއްޖެ ނަމަ ޖެންޑާ އިން އެކަން ބަލާނެ،" އޮފިޝަލް ވިދަޅުވި އެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ ބޭނުންވެގެން ހަވާލުވެފައި ވަނީ މާލޭގެ ދެ މަފިރިއެކެވެ. އެ ދެމަފިރިން ވަނީ މީގެކުރިން ވެސް އެ ރަށަށް ޒިޔާރަތްކޮށް އެ ކުއްޖާގެ މަންމަ އާ ބައްދަލުކޮށްފަ އެވެ.

އެ ތުއްތު ކުއްޖާ އަކީ އެ ރަށުގެ ނިކަމެތި އާއިލާ އަކަށް އުފަން ވެފައިވާ ކުއްޖެކެވެ. އެ ކުއްޖާ ބަލަން ބަޔަކު ހޯދަން އެ ކުއްޖާގެ މަންމަ ބޭނުންވެގެން ފޭސް ބުކްގައި އިއުލާން ކުރީ އެރަށު ކައުންސިލަރެކެވެ. އަދި އެކަން ޖެންޑާ އަަށް އެނގުނު ހިސާބުން ފެށިގެން އެ މައްސަލަ ޖެންޑާ އާއި ފުލުހުން ގެންދިޔައީ ބަލަމުންނެވެ.