ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ތުނި އެލްއީޑީ ޓީވީ ޓެކްނޮލޮޖީ ކުންފުނި ސޮނީ އިން ދައްކާލައިފި އެވެ.

އޭގެ އެންމެ ތުނި ހިސާބުގައި 4.7 މިލިމީޓަރު ހުންނަ އިރު އެ ޓީވީ މިއަދު ދައްކާލާފައި ވަނީ ނެވާޑާ، ލަސް ވޭގަސްގައި މިހާރު ކުރިއަށްދާ ގްލޯބަލް ކޮންޒިއުމާ އިލެކްޓްރޯނިކްސް އެންޑް ޓެކްނޮލޮޖީ ޓްރޭޑްޝޯ (ސީއީއެސް) ގަ އެވެ.

އަލްޓްރާ ހައި ޑެފިނިޝަން 4-ކޭގެ އެ ޓީވީ ތިން ސައިޒަކަށް ލިބެން ހުންނާނެ އެވެ. އެއީ 55 އިންޗިއާއި 65 އިންޗި އަދި 75 އިންޗި އެވެ. ސޮނީ އިން ބުނާ ގޮތުގައި ޓީވީ އެހާ ތުނިކޮށް ހެދުމުގެ ބޭނުމަކީ އެ ޓީވީ ފާރުގައި ހަރު ކޮށްފައި ހުރުމުން ބަލާބެލުމަށް ފާރާ އެއްވަރު ކަމަށް ދެއްކުމުން އެއިން ފިލްމް އެއްޗެހި ބެލުމަށް އިތުރަށް ފަސޭހަ ވާނެ ކަމަށެވެ.

ސޮނީ ބްރާވިއާގެ އެ އައު ޓީވީގައި އެކްސްވަން 4-ކޭ ޕްރޮސެސާ އިނުމުގެ ސަބަބުން 4-ކޭ ފޮޓޯތަކާއި ވީޑިއޯތައް އިތުރަށް ސާފުކޮށްދީ އިތުރަށް ރީތިކޮށްދޭނެ ކަމަށް ސޮނީ އިން ބުނެފައިވެ އެވެ.

ޓީވީ ނެރޭނެ ތާރީހަކާއި އަގެއް އެ ކުންފުނިން ބުނެފައި ނުވާ އިރު ގިނަ ބަޔަކު ބުނަނީ އެ ޓީވީ ހެޔޮ އަގެއްގައި ނުލިބޭނެ ކަމަށެވެ.

އެ ޓީވީގެ އިތުރުން ސޮނީ އިން ސީއީއެސްގައި މިއަދު 4-ކޭ ހޯމް ސިނަމާ ޕްރޮޖެކްޓަރެއް ވެސް ދައްކާލާފައިވެ އެވެ.
ލަސް ވޭގަސްގައި މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޓްރޭޑްޝޯގައި ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ އައު އުފެއްދުންތައް ދައްކާނެ އެވެ. އެ ކުންފުނިތަކުގެ ތެރޭގައި އެލްޖީ އާއި ސެމްސަންގް އަދި މާސީޑީސް ފަދަ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ.