06 Jan 2015, 13:19
މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ހިއުލެޓް ޕެކާޑް (އެޗްޕީ) އިން އެ ކުންފުނީގެ ފުރަތަމަ ފައިވްކޭ ސްކްރީން ޑިސްޕްލޭ ދައްކާލައިފި އެވެ.
ކޮންމެ އަހަރެއްގެ ޖެނުއަރީގައި ނެވާޑާ، ލަސް ވޭގަސް ގައި ބާއްވާ ގްލޯބަލް ކޮންޒިއުމާ އިލެކްޓްރޯނިކްސް އާއި ކޮންޒިއުމާ ޓެކްނޮލޮޖީ ޓްރޭޑްޝޯ (ސީއީއެސް) ގައި މިއަދު އެޗްޕީ އިން ފައިވްކޭގެ އިތުރުން ތަފާތު ވައްތަރުގެ ގިނަ ޑިސްޕްލޭ ތަކެއް ދައްކާލާފައިވެ އެވެ.
އެޗްޕީއަކީ އެންމެ ފުރަތަމަ ފައިވްކޭ ޑިސްޕްލޭ އެއް އުފެއްދި ކުންފުނި ކަމުގައި ނުވި ނަމަވެސް އެ ކުންފުނިން ނެރުމަށް ހަމަޖެހިފައިވާ ފައިވްކޭ ޑިސްޕްލޭ އަކީ މިހާތަނަށް ނެރުނު އެންމެ އަގުހެޔޮ ފައިވްކޭ ޑިސްޕްލޭ އެވެ. މާޗު މަހު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ މޮނިޓަރުތަކުގެ އަގަކީ 1،299 ޑޮލަރެވެ.
މިއަދު އެ ކޮންޒިއުމާ ޓްރޭޑްގައި އެޗްޕީ އިން ދައްކާލާފައިވާ އިތުރު ޑިސްޕްލޭތަކުގެ ތެރޭގައި 4-ކޭ "ކާރވްޑް ޑިސްޕްލޭ" އެއްވެސް ދައްކާފައިވެއެވެ. އޭޕްރިލް މަހުގައި ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ 34 އިންޗީގެ އެ ޑިސްޕްލޭ 999 ޑޮލަރަށް ލިބެން ހުންނާނެ އެވެ.
ގިނަ ބައެއްގެ ސަމާލުކަން ދަމައިގެންފައިވަނީ އެ ކުންފުނިން މިއަދު ދައްކާފައިވާ ވާޗުއަލް ރިއަލިޓީ ޑިސްޕްލޭ އެވެ. ތްރީޑީ އައިނު ބޭނުންކޮށްގެން އެ ޑިސްޕްލޭއިން "ޕެރެލެކްސް އިފެކްޓް" ގެ ގޮތުގައި އެ ބޭނުން ކުރާ މީހަކަށް ތްރީޑީ ތަޖުރިބާ ކުރެވޭނެ އެވެ. އެ ޑިސްޕްލޭ ނެރޭނެ ދުވަހެއް ނުވަތަ އަގެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އޭގެ އިތުރުންވެސް ސީއީއެސް ގައި މިއަދު އެޗްޕީއިން ގިނަ 4-ކޭ ޑިސްޕްލޭތަކެއް ދައްކާލާފައިވެއެވެ.