އިންޓަނޭޝަނަލް ކްރިކެޓް ކޮންފެޑަރޭޝަން (އައިސީސީ)އިން ބާއްވާ ޓީ20 ވޯލްޑް ކަޕަށް ކޮލިފައި ވުމަށް ކުޅޭ އޭޝިއަން ކްރިކެޓް ކޮންފެޑަރޭޝަން (އޭސީސީ) ޓީ20 މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމް އިއުލާނު ކޮށްފި އެވެ.

އޭސީސީ ޓީ20 މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމް އިއުލާނު ކޮށްފައި ވަނީ ރޭ ސޯލްޓް ކެފޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ގައުމީ ޓީމަށް ހޮވުނު ކުޅުންތެރިންނަށާއި އޮފިޝަލުންނަށް އެ ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާނު އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އެވެ.

ރޭގެ ރަސްމިއްޔާތުގައި ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނާއި ވައިސް ކެޕްޓަންވެސް ވަނީ އިއުލާނުކޮށްފައެވެ. އެ މުބާރާތަށް މިފަހަރު ގައުމީ ޓީމްގެ ކެޕްޓަނަކަށް އަފްޒަލް ފާއިޒް ސަމަދު ހޮވުނުއިރު، ވައިސް ކެޕްޓަނަކަށް ހޮވުނީ މުހައްމަދު މަހަފޫޒު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ، ރާއްޖޭގައި އެންމެ ގިނަ ކާމިޔާބީތައް ހޯދި އެއް ކުޅިވަރަކީ ކްރިކެޓް ކަމަށެވެ. އަދި ރާއްޖޭގައި ކްރިކެޓް މިހާހިސާބަށް ދިޔުމުގެ ސިއްރަކީ ރާއްޖޭގެ ކުޅުންތެރިން އެ ކުޅިވަރު ކުޅޭ ހިތުން ކުޅޭތީ ކަމަށާއި، ކްރިކެޓަކީ ވަރަށް އަހުލާގު ރަނގަޅު ކުޅުންތެރިން ކުޅޭ ކުޅިވަރެއް ކަމަށްވެސް މުންދު ވިދާޅުވި އެވެ.

އެ މުބާރާތުގައި މިފަހަރު ބައިވެރިވާ ގައުމީ ޓީމްގެ 14 ކުޅުންތެރިންގެ އިތުރުން، އެ ދަތުރުގައި ތިން އޮފިޝަލުންވެސް ބައިވެރިވާން ހަމަޖެހިފައި ވެއެވެ. އެގޮތުން ގައުމީ ޓީމްގެ ކޯޗެއްގެ ގޮތުގައި މިފަހަރު އިންޑިއާގެ ވިދްޔަތު ޖައިސްމްހާ ހަމަޖައްސާފައި ވާއިރު، ޓީމްގެ ފިޒިއޯއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މާދިހު އިސްމާއިލް އެވެ. އަދި ޓީމްގެ މެނޭޖަރެއްގެ ގޮތުގައި އެ ދަތުރުގައި ބައިވެރިވާން ހަމަޖެހިފައި ވަނީ އިމާދު އިސްމާއިލް އެވެ.

މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހާ ހަމައަށް ޔުނައިޓަޑް އަރަބް އެމިރޭޓްސްގައި ބާއްވަން ހަމަޖެހިފައިވާ އޭސީސީ ޓީ20 ކްރިކެޓް މުބާރާތުގައި ރާއްޖެއާއެކު ހަ ޓީމެއް ވާދަކުރާއިރު، އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއް ބުރު ކުޅޭ ގޮތަށެވެ. އެ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާ ގައުމުތަކަކީ ކުވައިތު، މެލޭޝިއާ، އޮމާން، ސައުދީ އަރަބިއްޔާ އަދި ސިންގަޕޫރެވެ.