ނުވަ މަހުގެ ފިރިހެން ދަރިފުޅު މަރާލިކަމުގެ ދައުވާ ލިބޭ އިންޑިއާގެ ރުބީނާ ބުރުހާނުއްދީން މިނިވަން ކުރަން އިންޑިއާ އިން މަސައްކަތް ކުރަން ފަށައިފި އެވެ.

އިންޑިއާގެ ރުބީނާ ބުރުހާނުއްދީންގެ މައްޗަށް ދައުވާކޮށްފައި ވަނީ ޖޫން 27، 2010ގައި އޭނާގެ ފިރިމީހާ ތ. ކިނބިދޫ އަލިތަރި، ހަސަން ޖާބިރު ދެކެ ހިތްހަމަނުޖެހި ރުޅި އައިސްގެން އެ ދެ މީހުންގެ ނުވަ މަހުގެ ފިރިހެން ދަރިފުޅު، އަހުމަދު ސާއިބުގެ މޫނު މަތީގައި ބާލީސް އަޅައި މަރާލާފައިވާ ކަމުގެ ތުހުމަތުގަ އެވެ.

ދަ ނިއު އިންޑިއަން އެކްސްޕްރެސް ނޫހުން ބުނެފައި ވަނީ ރާއްޖޭގައި ހަތަރު އަހަރަށް ވުރެ ގިނަ ގިނަ ދުވަހު ހައްޔަރުގައި ހުރި ރުބީނާގެ މައްސަލައިގައި ވާހަކަ ދައްކާނެ ކަމަށް ކެރެލާގެ ޗީފް މިނިސްޓަރު އޫމެން ޗަންދީ ވިދާޅުވެފައިވާ ކަމަށެވެ.

އަދި އެ މައްސަލާގައި ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަންއާ ވާހަކަ ދައްކަމުންދާ ކަމަށާއި ކުރިން އެ މައްސަލަ އެނގިފައި ނުވާ ކަމަށް ވެސް ކެރެލާގެ ޗީފް މިނިސްޓަރު އޫމެން ޗަންދީ ވިދާޅުވެފައިވާ ކަމަށް ދަ ނިއު އިންޑިއަން އެކްސްޕްރެސް ނޫހުން ބުނެފައިވެ އެވެ.

"ރާއްޖޭގައި ތިބި އިންޑިއަން ކްލަބުގެ އޮފިޝަލުންނަށް ވެސް އަޅުގަނޑަކަށް އެއްވެސް ވަރަކަށް ގުޅޭ ގޮތެއް ވެފައެއް ނުވޭ. އެމީހުން ވަރަށް މަސައްކަތް ކުރި އެކި ގޮތް ގޮތުން އަޅުގަނޑަށް ގުޅޭތޯ ވެސް. ހަމައެކަނި ގުޅެނީ އިންޑިއަން އެމްބަސީ އިން. އެއް ފަހަރު އެތަނުން މީހަކު އެހި އަޅުގަނޑު ކައިރީ ކީއްވެހޭ މި ގައުމު މީހުން ރާއްޖެ އަށް މަސައްކަތްކުރަން އަންނަނީ،" ކެރެލާގެ ޗީފް މިނިސްޓަރު އޫމެން ޗަންދީ ވިދާޅުވެފައިވެ އެވެ.

ދަރިފުޅު މަރާލި ކަމުގެ ދައުވާ ލިބޭ ރުބީނާގެ ޝަރީއަތް އެންމެ ފަހުން ކުރިއަށް ގެންގޮސްފައި ވަނީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ނަމަވެސް ދައުލަތުން ވަކީލެއް ހަމަޖައްސައިދީފައި ނުވާތީ އަވަހަށް އެ މައްސަލަ ނިންމަން ވަކީލަކާ ނުލައި ޝަރީއަތް ފެށުމަށް އޭނާ ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.