06 Jan 2015, 12:18
ލ. ގަމުގައި ހުންނަ ހަމަދު ބިން ހަލީފާ އައްތާނީ ސްކޫލުގައި ގްރޭޑު އެކަކުން ހަތަކަށް ކިޔަވައި ނުދޭތީ ބެލެނެވެރިން އިހުތިޖާޖު ކުރަން ފަށައިފި އެވެ.
ގަމުގައި ހުންނަ "ސަން"ގެ ކޮރަސްޕޮންޑެންޑް އަލީ ވާފިރު މިއަދު ބުނީ ހަމަދު ސްކޫލުގައި ކިޔަވައިދެނީ ގްރޭޑު އަށަކުން ބާރަ އަށް ކަމަށެވެ. އަދި އެ ހަމަދު ސްކޫލުގައި ގްރޭޑު އެކަކުން ހަތަކަށް ކިޔަވައި ނުދޭތީ ބެލެނެވެރިން އެ މީޙުންގެ ދަރިންނަށް ކިޔަވައި ދޭން ބޮޑު ތަކުލީފެއް އުފުލަމުންދާ ކަމަށް އޭނާ ބުންޏެވެ. އަދި ހަމަދު ސްކޫލުގައި ގްރޭޑު އެކަކުން ހަތަކަށް ކިޔަވައި ނުދޭތީ ބެލެނެވެރިން އެކަމާ ޝަކުވާ ކުރާ ކަމަށާއި އެ މީހުންގެ ދަރިންނަށް ކިޔަވައި ދިނުމަށް ދާންޖެހެނީ ތިން ކިލޯ މީޓަރު ދުރުގައި ހުންނަ އިހައްދޫ ސްކޫލަށް ކަމަށް އޭނާ ބުންޏެވެ.
"މިހާރު ހަމަދު ސްކޫލުގައި މި ކިޔަވައި ދެނީ ވަކި ގްރޭޑުތަކަކަށް. އެއީ ގްރޭޑު އަށަކުން ބާރަ އަށް. ގްރޭޑު އެކަކުން ފެށިގެން ހަތަކާއި ހަމަ އަކަށް ކިޔަވައެއް ނުދޭ. އެހެންވީމާ އެ އަވަށުގައި އުޅޭ މީހުން އެ މީހުންގެ ދަރިންނަށް ކިޔަވައިދޭން ދާން މިޖެހެނީ ތިން ކިލޯ މީޓަރު ދުރުގައި ހުންނަ އިހައްދޫ ސުކޫލަށް." ވާފިރު ބުންޏެވެ.

އޭނާ ބުނީ އިހައްދޫ ސްކޫލުގައި ބަހެއް އޮންނަ ކަމަށެވެ. އެހެންނަމަވެސް އެ ބަހަށް މަހަކު ކޮންމެ ކުއްޖަކު 150 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އަދި ހަމަ އެއާ އެކު އިހުތިޖާޖު ކުރާ ބެލެނެވެރިންގެ ޑިމާންޑަކީ މި އަހަރު ހަމަދު ސްކޫލުގައި ގްރޭޑު އެކެއް އުފައްދައި ދިނުން ކަމަށް ވާފިރު ބުންޏެވެ. ވާފިރު ބުނީ ހަމަދު ސްކޫލުގައި ބޭނުން ނުކުރާ ފަސް ކްލާސް ރޫމް ހުރި އިރު ކޮންމެ ކްލާސް ރޫމެއްގައި 30 ކުދިންގެ ޖާގަ ހުރި ކަމަށެވެ.
އިހުތިޖާޖު ކުރާ ބެލެނެވެރިން ބުނަމުން ދަނީ ހަމަދު ސްކޫލުން ބެލެނެވެރިންގެ ޝަކުވާތައް އަޑު ނާހާ އެކަމަށް ޖަވާބެއް ނުދީފި ނަމަ އެތަނުން ނުދާނެ ކަމަށެވެ.
ލ. ގަމުގެ ލިންކު ރޯޑުގެ މަސައްކަތް މިދިޔަ މަހު ފައްޓަވައި ދެއްވުމަށް ރައީސް ޔާމީން އެ ރަށަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ އެ މައްސަލާގައި ޕެޓިޝަނެއް ރައީސް ޔާމީން އަށް ހުށަހަޅައިފަ އެވެ. އަދި އެކަމުގެ ޖަވާބެއްގެ ގޮތުގައި "މި އަހަރު އެ ކަމަށް އަލިމަގެއް ފެނޭތޯ ބައްލަވާނެ" ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވި ކަމަށް ވެސް އެ ބެލެނިވެރިން ބުންޏެވެ.
ހަމަދު ބިން ހަލީފާ އައްތާނީ ސްކޫލު ކައިރީގައި ބަޔަކު މީޙުން އިހުތިޖާޖު ކުރަމުންދާ އިރު މި ހަފްތާގެ ތެރޭގައި ލ. ގަމުގައި ހުންނަ އިހައްދޫ ސްކޫލު ކައިރީގައި ވެސް އެ ރަށު ރައްޔިތުންތަކެއް ވަނީ އިހުތިޖާޖު ކޮށްފަ އެވެ. އިހައްދޫ ސްކޫލު ކައިރީގައި އިހުތިޖާޖު ކުރީ އެޑިއުކޭޝަން މިނިސްޓްރީ އިން ސްކޫލުގައި ގްރޭޑް އަށެއް އުފެއްދުމަށް ހުއްދަ ދިނުމުން، ކުދިން ސްކޫލަށް ދިއުމަށް ތައްޔާރުވެފައި ވަނިކޮށް އެ މިނިސްޓްރީން ހުއްދަ ބާތިލު ކުރުމާ ގުޅިގެން ނެވެ.