06 Jan 2015, 11:35
ސިއްހީ ދާއިރާ އިން ވަކިކޮށްފައިވާ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތުގެ ދަށުން ފޫޅުމައިންނަށް ވަޒީފާ ދިނުމަށް އަނެއްކާ ވެސް ފުރުސަތު ހުޅުވާލައިފި އެވެ.
ހެލްތު މިނިސްޓުރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އަތޮޅުތެރޭގައި ފޫޅުމައިންގެ ވަޒީފާ ކުރިން އަދާކޮށްފައިވާ، ހެލްތު ސާވިސަސް ކޯޕަރޭޝަންތަކުން ވަޒީފާ އިން ވަކިކޮށްފައިވާ ފޫޅުމައިންގެ ތެރެއިން އަލުން އެ ހިދުމަތާ ގުޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެކަމަށް އެދޭ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހުގެ 2:00ގެ ކުރިން އެ މިނިސްޓްރީ އަށް ސިޓީ ލުމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފޫޅުމައިކަމުގެ ސަނަދާއި ސިވިލް ސާވިސް ގަވައިދަށް ފެތޭ ނަމަ ކޮންމެ ފަރާތަކަށް ވަޒީފާ ލިބިގެންދާނެ ކަމަށެވެ.
"ފޫޅުމައިގެ ވަޒީފާ ދެވޭނީ ސިވިލް ސާވިސްގެ ގަވައިދަށް ފެތޭ ފަރާތްތަކަށް. މީގެ ކުރިން ފުރުސަތު ހުޅުވާލީމާ އެޕްލައި ކުރި 55 އަހަރުން މަތީ އަންހެނުންވެސް، އެއީ ސިވިލް ސާވިސްގެ ގަވައިދުން ދާއިމީ ވަޒީފާއެއް ދެވޭ އުމުރެއް ނޫން." އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ފޫޅުމައިންނަށް އަލުން ވަޒީފާދޭ އިރު ކުރިން ވެސް ލިބެމުން ދިޔަ މުސާރަތަކާއި އެލަވަންސްތައް ލިބިގެންދާނެ އެވެ. އެގޮތުން އަސާސީ މުސާރައިގެ ގޮތުގައި 3470 ރުފިޔާ ލިބޭނެ ކަމަށް ވިދާޅުވި އެވެ. އެ ފޫޅުމައިންގެ ޒިންމާއަކަށް ވާނީ މާ ބަނޑު މީހުން ހޭލުންތެރިކުރުމާއި ގޭގެއަށް ގޮސް މާބަނޑު މީހުންނަށް ހިދުމަތް ދިނުން ކަމަށެވެ.
މިދިޔަ އަހަރު ވެސް ވަނީ ފޫޅުމައިންގެ ވަޒީފާ އަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލި އެވެ. އެ ފަހަރު 76 މީހަކު އެކަމަށް އެދުނު އިރު އަލަށް 44 މީހަކަށް އެ ފުރުސަތުދިނެވެ. އެ ފޫޅުމައިން ދަނީ އަތޮޅުތެރޭ އެކި ރަށްރަށުގައި ހަރަކާތްތެރިވަމުންނެވެ.