06 Jan 2015, 11:26
އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކެލިފޯނިއާގައި ދަރިންނާ ބައްދަލުކުރަން ކުރީގެ ލޯބިވެރިޔާ ގެއަށް އައުން މަނާކޮށްފައި ވަނިކޮށް، ދަރިން ދެކިލަން ވެގެން ގޭ ދުންހޮޅިން ވަގަށް ގެއަށް ވަންނަން އުޅުނު އަންހެނަކު ދުން ހޮޅިތެރޭ ތާށިވެއްޖެ އެވެ.
އެމެރިކާގެ ނޫހަކާ ހަވާލާދީ ދަ އިންޑިޕެންޑެންޓް ނޫހުގައި ބުނެފައި ވަނީ، 35 އަހަރުގެ އެ އަންހެން މީހާ އެ ގޭ ދުންހޮޅިން އަރަން އުޅުނީ އެގޭގެ ބޮޑު ދޮރު ތަޅުލާފައި ހުރުމުން ކަމަށެވެ.
ގާތްގަނޑަކަށް 12 އިންޗި 12 އިންޗި ފުޅާ އެ ދުންހޮޅީގައި ތާށިވި، އެ އަންހެން މީހާ ފަޔާ ފައިޓަރުންނަށް ސަލާމަތްކުރެވުނީ ދެ ގަޑިއިރުގެ ބުރަ މަސައްކަތުންނެވެ. އަދި ސަލާމަތްކުރި އިރު އޭނާ ހުރީ ބަރަހަނާ ހާލަތުގައި ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
ދުންހޮޅީގައި ތާށިވި އަންހެން މީހާގެ ކުރީގެ ލޯބިވެރިޔާ ޓޯނީ ހެނާންޑޭޒް ބުނީ، ނިދާފައި އޮތްވައި ހޭލެވުނީ ދުންހޮޅި ތެރޭގައި އެ އަންހެން މީހާ ތާށިވެގެން އޮވެ ސަލާމަތް ކުރުމަށް އެދި ރޯ އަޑަށް ކަމަށެވެ.
"އޭނާ ބުނީ، އަހަރެން މިއޮތީ ދުންހޮޅި ތެރޭގައި ތާށިވެފައޭ. ބުނީމާ އަހަރެން މަސައްކަތްކުރިން އޭނާ ނަގަން. އެކަމަކު އެކަންވީ ވަރަށް އުދަނގޫ ކަމަކަށް. ދެން ގުޅީ ފަޔާފައިޓަރުންނަށް،" އެމެރިކާގެ ސީބީއެސް ނޫހަށް ތާށިވި އަންހެން މީހާގެ ކުރީގެ ލޯބިވެރިޔާ ބުނެފައިވެ އެވެ.
ހެނާންޑޭޒް ބުނީ، އޭނާގެ ކުރީގެ ލޯބިވެރިޔާ އަކީ އޭނާގެ ތިން ކުދިންގެ މަންމަ ކަމަށާއި ނަމަވެސް އެކުދިން ކައިރިއަށް އައުން މަނާކޮށްފައިވާ ކަމަށެވެ. އަދި އޭނާ އުޅެމުންދާ ގޮތްތަކީ ކުދިންނަށް ރަނގަޅު ގޮތްތަކެއް ނޫން ކަމަށް ވެސް އެނާ ބުންޏެވެ.
ގޭ ދުންހޮޅި ތެރޭގައި ތާށިވި އަންހެން މީހާ ސަލާމަތްކުރުމަށް ފަހު އޭނާއަށް ލިބިފައިވާ ޒަހަމްތަަކަށް ފަރުވާދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.