ޕީސީއެކްސް ސައިކަލެއްގެ މަޑި ދަށުގައި ރައްކާ ކޮށްގެން ހުޅުމާލެއިން މާލެ ގެންނަން އުޅުނު ބަނގުރާ ފުޅިތަކަކާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ދިވެއްސަކާއި 24 އަހަރުގެ ބަނގުލަދޭޝްގެ ރައްޔިތެކެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 7:00 ހާއިރު ހުޅުމާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް އެ ދެ މީހުންގެ އަމަލުތައް ހުރި ގޮތުން ތުޙުމަތު ކުރެވިގެން ހުއްޓުވައި ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިން މާލެ ދިއުމަށް ފެރީއަށް އެރުމަށް އުޅެނިކޮށް ހުޅުމާލެ ފެރީޓާމިނަލުން ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އެ ދެ މީހުން ގެންގޮސް ބަލައިފާސްކުރި އިރު އެ ދެ މީހުން ތިބި ޕީސީއެކްސް ސައިކަލުގެ މަޑިދަށުގައި ރައްކާކޮށްފައިވާ އަށް ފުޅި ބަނގުރާ ވަނީ ފެނިފައިކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓް ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.