06 Jan 2015, 11:12
ސްރީލަންކާގެ އިދިކޮޅު ކެންޑިޑޭޓް މައިތިރިޕާލާ ސިރިސޭނާގެ ފައިނަލް ކެމްޕޭން ރެލީއަށް ސްޓޭޖް ތައްޔާރު ކުރަން ތިބި ތިން އެެކްޓިވިސްޓެއްގެ ގަޔަށް ބަޑިޖަހައި އިއްޔެ ޒަހަމުކޮށްލައިފި އެވެ.
ސްރީލަންކާގެ ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
ނިއުސް އެެޖެންސީ، އޭއެފްޕީ އިން ބުނީ ސިރިސޭނާގެ ފައިނަލް ރެލީ ބޭއްވުމަށް، ކޮލަމްބޯ އާ 130 ކިލޯ މީޓަރު ދުރުގައި އޮންނަ ކަހާވައްޓާގައި ސްޓޭޖު ތައްޔާރުކޮށް، ޕޯޑިއަމްގެ މަސައްކަތް ކުރަން ތިބި ތިން މީހެއްގެ ގަޔަށް ބަޑިޖަހައި ޒަހަމުކޮށްލީ ވެހިކަލެއްގައި ދިޔަ ބަޔަކު ކަމަށެވެ.
"ވެހިކަލެެއްގައި ދިޔަ ބަަޔަކު ބަޑިޖަހައި ތިން މީހަކު ވަނީ ޒަހަމުކޮަށްލާފައި." ފުލުހުންގެ ސުޕްރިންގްޑެންޓް އަޖިތު ރޯހަނާ ވިދާޅުވި އެވެ. "ހަމަލާދިން މީހުންގެ މައުލޫމާތު ވަނީ ލިބިފައި، އެ މީހުން ހައްޔަރުކުރަން މަސައްކަތް ކުރަމުން މިދަނީ."
އެ ހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، ވެރިކަން ކުރާ ޕާޓީގެ ކެމްޕޭން އޮފީހެއް ވެސް ފުނޑުފުނޑުކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ލަންކާ އިންތިހާބުގެ ފަހު ވަގުތު ކޮޅުގައި ހަމަނުޖެހުންތައް ދަނީ އިތުރުވަމުންނެވެ. އަދި ސިރިސޭނާ ސަޕޯޓަރުންނަށް ވިދާޅުވީ ކެތްތެރިވުމާ އެކު ކެމްޕޭން ނިންމާލުމަށެވެ.
"އަހަރެން ކުރީ މަޑުމައިތިރި ރީތި ކެމްޕޭނެއް. އަހަރެންގެ ވާދަވެރިޔާ ރާޖަަޕަކްސާ އަށް ވެސް އަހަރެެން ކުރާ އިލްތިމާސްއަކީ ކުރިއަށް މި އޮތް ދެތިން ދުވަހު ހުރިހާ ކަމެއް ވެސް މަޑުމައިތިރިކޮށް ގެންގޮސް ދެއްވުމަށް،" ސިރިސޭނާ ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވި އެވެ.
ސިރިސޭނާ ވިދާޅުވީ އޭނާ އަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށާއި އަދި ރައީސް ރާޖަޕަކްސާ އާއި އޭނާގެ އާއިލާ އަށް ފުރިހަމަ ހިމާޔަތް ދެއްވާނެ ކަމަށެވެ.
ސިރިސޭނާ އެހެން ވިދާޅުވާ އިރު، ސަރުކާރު ހިންގާ ޕާޓީ އިން ވެސް ބުނަނީ އެެ މީހުުންނަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.