06 Jan 2015, 11:12
ވޮލީބޯޅަ އެސޯސިއޭޝަނުން މިހާރު ކުރިއަށް ގެންދާ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި އެ ޓީމް ކުޅުނު ދެވަނަ މެޗުވެސް ޕޮލިސް ކްލަބުން ކާމިޔާބު ކޮށްފި އެވެ.
ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު އެ މެޗު ޕޮލިހުން ކާމިޔާބު ކުރީ، ކްލަބް އިމިގްރޭޝަނާ ބައްދަލުކޮށް ދެ ސެޓު ތިން ސެޓުން ނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ފުރަތަމަ ސެޓު 22-25 ގެ ނަތީޖާއަކުން ޕޮލިސް ކާމިޔާބު ކުރިއިރު، ދެވަނަ ސެޓު އިމިގްރޭޝަނުންވެސް ގެންދިޔައީ 22-25 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ތިންވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް ޕޮލިސް ކްލަބުން ވަނީ ފަސޭހަކަމާއެކު 13-25 ގެ ނަތީޖާއަކުން އެ ސެޓު ގެންގޮސްފައެވެ. އަދި މެޗުގެ ހަތަރުވަނަ ސެޓު އިމިގްރޭޝަނުން 22-25 ގެ ނަތީޖާއަކުން ކާމިޔާބު ކުރިއިރު، މެޗުގެ ޓައިބްރޭކަރ ޕޮލިހުން ވަނީ 9-15 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ.
އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބްގެ ބިދޭސީ ކުޅުންތެރިޔާ ކުލާކަން ލިސް އެވެ.
އެ މެޗުގެ އިތުރުން އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އިފްތިތާހު އިސްދަރިވަރުންގެ ޖަމިއްޔާއާ ބައްދަލުކޮށް ނައިފަރު ޖުވެނައިލް ވަނީ މުބާރާތުގައި އެ ޓީމްގެ ފުރަތަމަ ކާމިޔާބީ ހޯދާފައެވެ.
ނައިފަރު ޖުވެނައިލް އެ މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ފަސޭހަކަމާއެކު 13-25 އަދި 9-25 ގެ ނަތީޖާއަކުން ނައިފަރު ޖުވެނައިލް ކާމިޔާބުކުރިއިރު، މެޗުގެ ފަހު ސެޓު އެ ޓީމަށް ކާމިޔާބު ކުރެވުނީ 17-25 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިފަރު ޖުވެނައިލް ގެ ބިދޭސީ ކުޅުންތެރިޔާ ވައްސަނާ މަދުމަލީ އެވެ.
އެ މުބާރާތުގައި މިހާތަނަށް ކޮންމެ ޓީމެއްވެސް ދެ މެޗު ކުޅެފައި ވާއިރު، ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، މުބާރާތުގެ އެންމެ ކުރީގައި އުޅެނީ ޕޮލިސް ކްލަބެވެ. އަދި ކްލަބް އިމިގްރޭޝަން އާއި ނައިފަރު ޖުވެނައިލް ކޮންމެ ޓީމަކުން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކޮށްފައި ވާއިރު، އިފްތިތާހް އިސްދަރިވަރުންގެ ޖަމިއްޔާއަށް އަދި މިހާތަނަށް ވަނީ އެއްވެސް މެޗެއް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.
އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިއަދު ކުޅެން ހަމަޖެހިފައި ވާއިރު، މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ޕޮލިސް ކްލަބާއި އިފްތިތާހް އިސްދަރިވަރުންގެ ޖަމިއްޔާ އެވެ. އަދި އެ މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ނައިފަރު ޖުވެނައިލް އާއި ކްލަބް އިމިގްރޭޝަން އެވެ.