06 Jan 2015, 11:00
ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްޅާ ދިވެހިންގެ ތެރެއަށް ބޮޑަށް މަޝްހޫރު ވެފައި ވަނީ ރާއްޖޭގެ ކުޅަދާނަ ނެށުންތެރިޔާ ސުނީތާ ޢަލީގެ ސަބަބުންނޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ސުނީތާ ވަނީ ޕްރިޔަންކާއަށް ހާސްކޮށްގެން ޓްރިބިއުޓެއް ހަދާފަ އެވެ. އަދި އެ ޓްރިބިއުޓް ޔޫޓިއުބްގައި ޕޯސްޓްކުރުމުން، އެ ބެލިމީހުންގެ އަދަދު ހާހުން ހާހުން ދިޔައީ އިތުރު ވަމުންނެވެ. އަދި އެ ޓްރިބިއުޓް ޕްރިޔަންކާވެސް ވަނީ ބަލާފައެވެ. އަދި ސުނީތާ ޓެގްކޮށް ޕްރިޔަންކާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ "ވަރަށް ގަޔާވެއްޖެ" ކަމަށެވެ. މިހާރު ސުނީތާގެ އެންމެ ބޮޑު އުންމީދަކީ ޕްރިޔަންކާއަށް އޭނާގެ ޓްރިބިއުޓް ރާއްޖޭގައި ދައްކާލުމެވެ.
މިއުޒިކް ފެސްޓިވަލެއްގެ ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ޝޯއަށް ޕްރިޔަންކާ މާލެ އަންނަ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުނީތާ 'ސަން' އަށް ބުނީީ، ޕްރިޔަންކާއަށް ފެންނަގޮތަށް ޕާފޯމް ކޮށްލަން ލިބިއްޖެނަމަ ހަމަ ޔަގީނުންވެސް ހުށަހަޅާނީ ޕްރިޔަންކާގެ ލަވައެއް ކަމަށެވެ. އަދި އެންމެ ބޮޑަށް ބޭނުން ވަނީ ޕްރިޔަންކާއަށް ހާއްސަކޮށްގެން އޭނާ ހެދި ޓްރިބިއުޓް ޕްރިޔަންކާގެ ކުރިމަތީ ރާއްޖޭގައި ހުށަހަޅައިދިނުމަށް ކަމަށް ސުނީތާ ބުންޏެވެ.
"ޕާފޯމްކޮށްލަން ޗާންސް ލިބިއްޖެ ނަމަ ހަމަ ޔަގީނުންވެސް ހުށަހަޅާނީ ޕްރިޔަންކާގެ ލަވައެއް. އެއީ މިހާރުވެސް ތަން ތަނުގަ އެންމެ ގިނައިން ޕާފޯމް މިކުރަނީ އޭނަގެ ލަވަތަށް. އެކަމަކު އެންމެ ބޮޑަށް ބޭނުންވަނީ ހަމަ ޕީސީއަށް ހާއްސަކޮށްގެން ހެދި ޓްރިބިއުޓް ޕީސީގެ ކުރިމަތީ ޕާފޯމްކޮށްލަން،" ސުނިތާ ބުންޏެވެ.
ސުނީތާ ބުނީ ޕްރިޔަންކާއަށް ޓްރިބިއުޓް ދައްކާލުމަކީ އޭނާ ވަރަށް ކުރިންވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި، އޭނާ އެކަން ޓްވިޓަރގައިވެސް ހާމަކޮއްފައި ވާނެ ކަމަށެވެ.
ޕްރިޔަންކާގެ ހަގީގީ 'ފޭން' އެއް ކަމަށް އެންމެންވެސް ގަބޫލުކުރާ ސުނީތާ ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޕްރިޔަންކާއާ ބައްދަލުވެސްކޮށް ޕްރިޔަންކާއަށް ހާއްސަކޮށް އޭނާ ތައްޔާރުކުރި ބައެއް ހަދިޔާ ޕްރިޔަންކާއަށް ދީފައެވެ. އަދި އޭރު ސުނީތާ ބުނެފައި ވަނީ ޕްރިޔަންކާ ރާއްޖެ ގެންނާނެ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މިއުޒިކް ފެސްޓިވަލަށް ޕްރިޔަންކާ އަންނާނެ ކަން، މިއުޒިކް ފެސްޓިވަލް އިންތިޒާމުކުރާ ޗޮޕްއާޓުން އަދި ޔަގީން ކޮށްދީފައި ނުވާއިރު، ސުނީތާއަށް ވެސް ޕްރިޔަންކާ އަންނާނެ ކަމުގެ "ޔަގީން" ހަބަރެއް އަދި ނުލިބޭ ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ޕްރިޔަންކާ ރާއްޖެ އައިސްފި ނަމަ "ރާއްޖޭގެ އުފެއްދުމެއް" ހަދިޔާއެއްގެ ގޮތުގައި ޕްރިޔަންކާއަށް ދޭނެ ކަމުގައި ސުނީތާ ބުންޏެވެ.
"ރާއްޖެ އައިސްފި ނަމަ ޕީސީއަށް ރާއްޖޭގެ އުފެއްދުމެއް ހަދިޔާއެއްގެ ގޮތުގައި ދޭނަން،" ސުނީތާ ބުންޏެވެ.
މިއުޒިކް ފެސްޓިވަލެއްގެ ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ޝޯއަށް ޕްރިޔަންކާ އަންނާނެ ކަން ޗޮޕްއާޓުން އަދި ޔަގީންކޮށް ދީފައި ނުވާއިރު، ޕްރިޔަންކާ ރާއްޖެ އަންނަ ކަމަށް ބައެއް، މީޑިއާތަކުގައި ވަނީ ބުނެފައެވެ. ސުނީތާ ބުނީ ޕްރިޔަންކާ ރާއްޖެ އާދޭތޯ އޭނާ ކައިރިން ބައެއް މީހުން އަހާކަމަށާއި، އެހެންނަމަވެސް އޭނާއަށްވެސް އަދި އަންނަ ކަން ޔަގީން ނުވާ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ރޭގެ ޝޯއަށް ގެންނަކަމަށް ޗޮޕްއާޓުން މިހާތަނަށް އިއުލާނުކޮށްފައި ވަނީ އެމެރިކާގެ އާރްއެންޑްބީ/ހިޕްހޮޕް/ރެޕް ލަވަ ކިޔުންތެރިޔާ އޭކަން އެވެ.