06 Jan 2015, 10:15
އެހެންޏާ ނުލިބޭ ކަހަލަ މާ ނަލަ ކައިވެނި ޕާޓީ ދައުވަތު ކާޑެއް ލިބިއްޖެ އެވެ. ކާޑު ނަލަ ކަމުންނާއި ފުރިހަމަކަމުން އެތައް ފަހަރެއްގެ މަތިން ކާޑަށް ބެލީމެވެ. ކާޑު ހެދުމަށް ބޭނުންކޮށްފައި ވަނީ ހިތްގައިމު ތަކެއްޗެވެ. ލިޔެފައިވާ ލިޔުންކޮޅުތަކާއި ކާޑު ޒީނަތްތެރިކޮށްފައިވާ ގޮތްގޮތް ވެސް ނަލަ އެވެ. މުޅި ކާޑުގެ ރީތި ކަމަށް ނަޒަރު ހުއްޓިފައިވަނިކޮށް ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ޕާރުސަލެއް ކުރަހައި ދެރަވެފައި އިން މޫނެއް ލައިފައިއިން މަންޒަރެކެވެ. ދެން ޖެހިގެން އިނީ ސިޓީ އުރައެއް ކުރަހާފަ އެވެ. އެ ނިޝާނާއި ޖެހިގެން އިނީ ހެވިދިލިފައި އިން މޫނެކެވެ. މާ ބޮޑު އެއްޗަކަށް އެދި އެދި ހުރި ފާޑުގެ ހިނިތުންވުމަކާއި ވައްތަރު މޫނެކެވެ.
"މިފަހަކަށް އައިސް ވަރަށް އާންމު، ތިން އަހަރު ވަރުވެއްޖެ، އަހަރެން ޑިޒައިން ކުރާ ކާޑުތަކުގަޔާއި އަހަރެންނަށް ދައުވަތު އަންނަ ކާޑުތަކުގައި ވެސް އެންވެލޮޕް ޖަހާފައި ހުންނަނީ،" ކައިވެނި ހަފްލާތަކުގެ ދައުވަތު ކާޑު ޑިޒައިން ކުރާ އަހުމަދު ޝައްމޫން ބުންޏެވެ.
ބެލިބެލުމުން އެނގުނު ގޮތުގައި ކައިވެނި ޕާޓީތަކަށް އައުމަށް ފޮނުވާ ދައުވަތު ކާޑުތަކުގައި އެފަދަ ނިޝާންތައް ހުރުމަކީ ތަންކޮޅެއް ކުރިން ވެސް ހިނގާ ކަމެކެވެ. ނަމަވެސް އެކަން މިހާރަކަށް އައިސް މާ އާންމުވީ އެވެ. ހާއްސަކޮށް މާލޭގައި މިހާރު ބާއްވާ ކައިވެނި ހަފްލާތަކުގެ ތެރެއިން ބޮޑު ޕަސެންޓަކަށް ދައުވަތު ދޭއިރު ކާޑުގައި "ސިޓީ އުރައިގައި ފައިސާ ގެނައުމަށް" ބުނެފައިވެ އެވެ. ހަމައެހެންމެ ޕާރުސަލް ނުގެނައުމަށް ވެސް ބުނެފައި ހުރެ އެވެ. އަތޮޅުތެރޭ އެކަން އަދި އެހާ އާންމެއް ނުވެ އެވެ.
"ދެޓް މީންސް ޕާރުސަލެއް ނޫނޭ ބޭނުންވަނީ. އެންވެލޮޕްގަ ލާރި އޭ. އަސްލު އެހެން ހަދަނީ ޕާރުސަލް ކޮށްގެން ބައިވަރު ކުނި ގެންނާތީ. ހުރެދާނެ ކޮންމެ ފަދަ އެއްޗެއްވެސް އަޅާފައި. ދެން ޕާޓީ ބާއްވާތަނަކުން އެއެއްޗެހި ގެންގޮސް ކަނޑާއިރު މިހުންނަނީ ކުނި،" ކައިވެނި ޕާޓީތަކަށް މީހުން ތައްޔާރުކުރުމުގައި ހަރަކާތްތެރިވާ ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.
މިކަން އާންމުވެފައިވާއިރު އެކަން އެހެން އެވަނީ ކީއްވެގެންބާ އެވެ؟ އެހެން ކަމަށްވާއިރު ވަކި އެއްޗެއް ނުގެންނާށޭ ބުނަނީ ހަގީގަތުގައި އެކަމުގެ ކޮންކަހަލަ ކަންތައްތަކެއް ވާތީބާ އެވެ. ނޫނީ މިކަން މާރީތި ފެޝަނަކަށް ވެފައި މި ވަނީ ކީއްވެގެންބާ އެވެ. ފައިސާ ގެންނާށޭ އެ ބުނަނީ ޕާޓީއަށް ކުރި ހޭދަ ހަދިޔާއިން ހޯދުމަށް ހެއްޔެވެ. ނޫނީ ހަނީ މޫނަށް ދާނެ ފައިސާ ހޯދަން ހެއްޔެވެ؟
ސަހުމާ ރަޝީދު، 21، މިހާރުގެ ހުރިހާ ވެސް އުންމީދެއް ގުޅިފައި ވަނީ މިއަހަރު އޭނާ ކުރަން ނިންމާފައިވާ ކައިވެއްޏާ އެވެ. އޭނާ ޕާޓީ ކާޑު ޑިޒައިން ކުރާނީ ކިހިނެއްތޯ އެހުމުން އޭނާ ވެސް ބުނީ ޕާރުސަލް ނުގެނެސް ސިޓީ އުރަ ގެނައުމަށް އޭނާ ވެސް ނިޝާނެއް ކުރަހާނެ ކަމަށެވެ. ސަބަބެއް ކަމަށް ބުނަނީ ޕާރުސަލްތަކުގައި ގެންނަ "ބޭކާރު" އެއްޗަށް ވުރެ ފައިސާ ދިނުމުން އޭނާ ބޭނުން އެއްޗެއް ގަނެވޭނެތީ އެވެ.
"މާލޭގައި އުޅޭއިރު ކިހިނެއް އެ ލިބޭހާ ޕާރުސަލްތައް ތަނެއްގައި ބަހައްޓާނީ. އަނެއްކާ ގިނައިން ދެނީ ތައްޓާއި، ޖޯޑު ކަހަލަ ތަކެތި. އެއީ ދެން ކޮން ބޭނުމެއް ކުރެވޭ އެއްޗެއް. އެއަށް ވުރެ ފައިސާ ދިނީމަ އަހަރުން ބޭނުން އެއްޗެއް ގަނެވޭނެ. 100ރ. ދިނަސް މާ ވޯތު ވާނެ. ކީއްތަވާނީ އެ ލާރިކޮޅު އަހަރެމެން ހަނީމޫނަށް ދާން ދިނަސް،" ހިނިގަނޑެއް ޖަހާލަމުން އޭނާ ބުންޏެވެ.
ކައިވެނި ޕާޓީއަކަށް ގެންދާނެ އެއްޗެއް އެނގޭނީ ގެންދާ މީހާއަށް ނޫން ހެއްޔެވެ. އެއްޗެއް ނުގެންދިޔަސް މައްސަލައެއް އޮވެގެންވާނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް ސިޓީ އުރަޔައަކާއި ދިމާލަށް ބޮޑު ސިންގާ ހެޔޮ ފާހަގައެއް ޖެހުމަށް ފަހު ޕާރުސަލަކާއި ދިމާލަށް ރަސްގެއެއް ޖެހުމަކީ ވަކި އެއްޗެއް ގެންނަން ބުނުން ނޫންތޯ އެވެ. އުފަލެއްގައި ބައިވެރިވުމަށް ބަޔަކަށް ދައުވަތެއް ދޭއިރު މިފަދަ ނިޝާންތައް ބޭނުން ކުރުމަކީ ރީތި އާދައެއްތޯ އެވެ؟
"މިހާރު މާލޭގައި ބާއްވާ ހުރިހާ ޕާޓީއެއްގައިހެން އެގޮތަށް ޖަހާފަހުރޭ. މިއީ ލަދުވެތި ކަމެއް ނޫން. އެއީ ހަމަ ރަނގަޅުކަމެއް. އެކަމަކު ބައެއް މީހުން އުޅޭ އެކަން ހަޑިކަމަކަށްވާ މީހުން. ހާއްސަކޮށް ގިނަ ފަހަރަށް ޕޭރެންޓްސް އެކަމާ ކަންބޮޑުވަނީ. އެކަމަކު ޒުވާން ކުދިންނަށް އެކަން އަންޑަސްޓޭންޑްވޭ ގައިމުވެސް،" ކައިވެނި ހަފްލާތަކަށް މީހުން ތައްޔާރުކޮށްދޭ ޒުވާނަކު ބުންޏެވެ.
ބެލިބެލުމުން މިގޮތަށް ސިޓީ އުރަ ޖަހައިގެން ކާޑުފޮނުވުމުން އެބުނަނީ ފައިސާ ގެނައުމަށްކަން މާ ގިނަ މީހުންނަކަށް ނޭނގެ އެވެ. އެގޮތަށް ކާޑު ފޮނުވާފައިވާ ޕާޓީއަކަށް ޕާރުސަލް ހިފައިގެން މީހުންދާ މަންޒަރު ވެސް ގިނައިން ފެނެ އެވެ. އެއީ އެ ބުނާ ސިޓީ އުރައިގެ ނިޝާނަށް އާންމުން މާކަ ހޭލުންތެރި ނޫންކަން ރަމްޒުކޮށްދޭ ކަމެކެވެ.
ކައިވެނީގެ ހަފްލާ ނުވަތަ ކައިވެނީގެ ވަޟީމާ ބޭއްވުމަކީ ދީނީ ގޮތުން ބަލާއިރު ވެސް ވަރަށް ބޮޑަށް ބާރުއަޅާފައިވާ ރަނގަޅު އާދައެކެވެ. އަދި ކައިވެނިވާ ދެމަފިރިންގެ އާއިލާއާއި ރައްޓެހީންގެ ފަރާތުން ހަދިޔާ ބަދަލު ކޮށް ހެދުމަކީ ވެސް ދީނުގައި މަނާ ކުރައްވާފައިވާ ކަމެއް ނޫންނެވެ.
"ކައިވެނީގެ ވަޟީމާއަކީ ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއް. އެކަން އެގޮތަށް ކުރުމަށް ދީނުގައި ބާރުއަޅުއްވާފައި ވަނީ، ކައިވެނި ކުރި ދެމީހުން މަގުމަތީގައި އެކުގައި ހިނގާފައި ދާއިރު އެ މުޖްތަމައުގެ ތެރޭގައި އުޅޭ އެހެން މީހުންނަށް އެއީ ދެމަފިރިން ކަން އަންގައި ދިނުން. އެކަމަކު އެފަދަ ހަފްލާތައް ބާއްވަން ޖެހޭނީ އިސްލާމީ ރިވެތި އާދަތަކާ އެއްގޮތްވާ ގޮތުގެ މަތީން،" އައްޝެއިޚް އަޙްމަދު ފަޚްމީ ދީދީ ވިދާޅުވި އެވެ.
"ދެން ކައިވެނި ޕާޓީއަށް ވަޑައިގަންނަވާ ބޭފުޅުން ހަދިޔާ ފަދަ ތަކެތި ގެނައުމަކީ ދީނީގޮތުން މަނާކަމެކޭ ނުދެންނެވޭނެ. އެކަމަކު މި ފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ވެސް، މިފަދަ ހަފްލާތައް ބޭއްވުމުގައި ހައްދުން ނެއްޓިގެން އެބަދޭ."
ކައިވެނީގެ ހަފްލާތައް ބޭއްވުމަކީ ރަނގަޅު ކަމެކެވެ. ދީނުގައި އެކަމަށް ނުހަނު ބޮޑަށް ބާރުއަޅާފައިވާ ވެސް ކަމެކެވެ. އަދި ހަދިޔާ ފަދަ ތަކެތި ބަދަލު ކުރުމަކީ ވެސް ނެތް ކަމެއް ނޫނެވެ. ނަމަވެސް އެހަފްލާއަށް އަންނަ ފަރާތްތަކަށް ވަކި ކަމެއް ޝަރުތު ކުރުމަކީ ރީތި ސިފައެއް ބާވަ އެވެ؟ ޕާރުސަލެއްގައި ނުބައި ފާހަގަ ލުމަށްފަހު ސިޓީ އުރައެއްގައި ބޮޑު އަކުރުން ހެޔޮ ފާހަގައެއް ޖަހައި ފޮނުވީމަ ކޮންމެހެން ސިޓީ އުރައިގައި ފައިސާ ގެނައުމަށް ބުނާހެން ހީވެއެވެ. މިއީ ވަކި ކަމަކަށް ޑިމާންޑު ކުރުން ނޫންތޯ އެވެ. ޕާރުސަލް ގެންގުޅެން އުނދަގޫ ނަމަ ހަދިޔާ ނުގެނައުމަށް ބުނުން ރަނގަޅުތާ އެވެ. ނަމަވެސް ފައިސާ ގެންނާށޭ ބުނީމަ އެހާ ނަލައެއް ނޫނެވެ. ކުރާނީ ކީއްތޯ އެވެ. މިއީވެސް އަދުގެ ފެޝަނެވެ.