ހއ. މުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު އާރިފް އަބްދުލް ހަކީމް، ކައުންސިލް މެމްބަރު ކަމުން އިސްތިއުފާ ދެއްވަވައިފި އެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އާރިފް މިއަދު ވިދާޅުވީ، ކައުންސިލްގެ މެމްބަރުކަމުން އިސްތިއުފާ ދެއްވީ މި މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ. އަދި އޭނާ ކައުންސިލް މެމްބަރު ކަމުން އިސްތިއުފާ ދެއްވީ ތައުލީމް ހާސިލްކުރެއްވުމަށްޓަކައި ކަމަށް އާރިފް ވިދާޅުވި އެވެ.

"އަޅުގަނޑު އިސްތިއުފާ ދިނީ އަޅުގަނޑަށް ކިޔެވުމުގެ ފުރުސަތެއް ލިބިފައިވާތީ. އެކަން ދޫނުކުކޮށްލާން ވެގެން. ދެން ކައުންސިލް ކަމުގައި އުޅެމުން ކިޔަވަން ދަތިވާނެތީ،" އަދާލަތު ޕާޓީގެ ޓިކެޓްގައި ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތް އާރިފް ވިދާޅުވި އެވެ.

މުރައިދޫ ކައުންސިލްގެ ރައީސް ކަމަށް އާރިފް ހޮވިވަޑައިގެންފައި ވަނީ ޖުމުލަ 17 ފަހަރެއްގެ މަތީން ވޯޓު ލައިގެން ނެވެ. މުރައިދޫ ކައުންސިލްގައި ތިއްބަވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ދެ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރެއްގެ އިތުރުން އަދާލަތު ޕާޓީގެ މެމްބަރެކެވެ.