ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށް ދިއްދުއަށް ގޭސް ނުލިބިގެން އެރަށު މީހުން ދަރުން ކައްކަމުން ދަނިކޮށް ގޭސް ލިބި އަލުން ގޭސް ބޭނުންކޮށްގެން ކައްކަން ފަށައިފި އެވެ.

އާބާދީގައި 4081 މީހުން ރަޖިސްޓްރީކޮށްފައިވާ އަދި އަތޮޅުގެ ގިނަ ބަޔަކު އެތައް ބޭނުމެއްގައި ހިޖުރަކޮށްފައިވާ ދިއްދޫގައި 821 ގެއެއްގައި މީހުން ދިިއުޅެއެވެ. އެރަށަށް ކުރިމަތިވެފައިވާ ގޭހުގެ ދަތިކަމަށް ހައްލެއް ލިބިފައިމިވަނީ އެ ދަތިކަމުގައި އުޅޭތާ ދެތިން ދުވަހެއް ފަހުންނެވެ. މޯލްޑިވް ގޭހުން ވަނީ އެރަށަށް ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައެވެ.

ދިއްދޫ ކައުންސިލްގެ ނައިބް ރައީސް ޖައުހަރީ އަލީ މިއަދު 'ސަން'އަށް ވިދާޅުވީ، އެރަށަށް އިއްޔެ ހަވީރުން ފެށިގެން ގޭސް ވިއްކަމުންދާއިރު ގޭހުގެ ދަތިކަން މިހާރު އެއްކޮށް ހައްލުވެފައިވާ ކަމަށެވެ. އިއްޔެ އެރަށަށް ގެނައީ 100 ފުޅި ގޭސް ކަމަށާއި އެ ގޭސްފުޅިތައް ލިބުމުން، އެރަށަށް ދިމާވެފައިވާ ގޭހުގެ ދަތިކަން ހައްލުވެފައިވާކަމަށް ވިދާޅުވި އެވެ.

"ހުރިހާ ގެއަކަށް ސަޕްލައި ކުރަމުން ދަނީ. މިހާރު ދަތިކަމެއް ނެތް. އިއްޔެ މިގެނައީ 100 ފުޅި ގޭސް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ،" ޖައުހަރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެރަށުގެ އާބާދީ ބޮޑުނަމަވެސް ކޮންމެ ދުވަހަކު ބޯޓްތައް ދަތުރުތައް ކުރާތީ ދެން ގޭހުގެ ދަތިކަމެއް ކުރިމަތިނުވެ އެކަން ހައްލު ކުރެވޭނެ ކަމަށެވެ.

އެރަށަށް ގޭހުގެ ދަތިކަން ކުރިމަތިވެފައިވަނީ ފެނަކަ ކޯޕަރޭޝަނުން އެރަށަށް ގޭސް ވިއްކުމުގެ ވިޔަފާރި ކުރަމުން އައިސް އެކަން ހުއްޓާލުމާއި ގުޅިގެނެވެ. މިހާރު އެރަށަށް ގޭސް ވިއްކަމުންދަނީ ކުރިންވެސް ގޭސް ވިއްކި އަމިއްލަ ފަރުދެކެވެ.