06 Apr 2010, 15:17
19:00
ގިނަ އަދަދެއްގެ ދަނގަޑުގެ ސާމާނު ބަރުކޮށްގެން ތިލަފުށީ ފަޅުން ނުކުތް ދޯންޏެއް ދިޔަވެގެން އަޑިއަށް ހިނގައްޖެ އެވެ.
އެމްއެމްޑީއެފްގެ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެ ހާދިސާ ހިނގީ އިމާރާތްކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ދަނގަޑު ބަރުކޮށްގެން ތިލަފުށިން މާލެ އައި ދޯންޏެއް ދިޔަވާން ފެށުމުން ތިލަފުއްޓާއި ވިލިގިއްޔާ ދެމެދުގައި އޮންނަ ފަރަކަށް ބީއްސާލުމަށްފަހު ވެސް ކޮންޓްރޯލްނުކުރެވޭ ވަރަށް ދިޔަވެގެން އަރިއަޅައިލައިގެން ގޮސް ކަމަށެވެ. އެ ހާދިސާގައި، ފުވައްމުލަކު، ލަބުނާގޭ އިބްރާހިމް އަހުމަދުގެ "ފްރެޝް" ނަމަކަށް ކިޔާ އެ ދޯނީގައި ހުރި ބައެއް ދަނގަޑު ސާމާނު މޫދަށް ފައިބައިގެން ގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވި އެވެ.
އެ ހާދިސާ ހިނގިއިރު ފަޅުވެރިންގެ ގޮތުގައި ތިން ދިވެހިން ދަތުރުކުރި ކަމަށާއި ނަމަވެސް އެއިން އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވި ނަމަވެސް، އެ ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ ދޯންޏަކީ އިންޝުއާކޮށްފައިވާ ދޯންޏަކަށް ވާތީ، އެފަރާތާ ނުލާ ދޯނި ފުންކުރުމުގެ މަސައްކަތް ނުކުރުމަށް އެދިފައިވާ ކަމަށް ވެސް އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވި އެވެ.