ތޫނިސް (ޖަނަވަރީ 6): ތޫނިސްގެ ބޮޑުވަޒީރުކަމުގެ މަގާމަށް ކުރީގެ ދާޚިލީ ވަޒީރު ޙަބީބުއްސައިދު އިޚްތިޔާރުކޮށްފި އެވެ.

ތޫނިސްގެ ބޮޑުވަޒީރު ކަމަށް ޙަބީބުއްސައިދު އިޚްތިޔާރުކުރީ އެގައުމުގެ ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބުކުރި ނިދާ މޫމެންޓް ޕާޓީގެ ގުނަވަންތަކުގެ މެދުގައި ކުރި މަޝްވަރާތަކުގެ އިތުރުން ޕާލަމެންޓްގައި ހިމެނޭ ބޮޑެތި އެހެން ޕާޓީތަކުގެ މަޝްވަރާގެވެސް މަތިން ކަމަށް ތޫނިސްގެ ޕާލަމެންޓްގެ ރައީސް އަދި ނިދާ މޫމެންޓްގެ ވެރިއެއް ކަމަށްވާ މުޙައްމަދު ނާސިރު ވިދާޅުވި އެވެ.

ތޫނިސްގެ ބޮޑުވަޒީރުކަމަށް އިޚްތިޔާރުކުރި ކުރީގެ ދާޚިލީ ވަޒީރު ޙަބީބުއްސައިދަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ ބޭފުޅެކެވެ. ނަމަވެސް އޭނާއަކީ ނިދާ ޕާޓީއާއި ޕާލަމެންޓްގައި ދެވަނައަށް މެންބަރުން އެންމެގިނަ އިސްލާމިކް ނަހްޒާ ޕާޓީގެ ވެސް ތާއީދާއި އިތުބާރު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

ނަހްޒާ މޫމެންޓުން ތޫނިސްގައި ވެރިކަންކުރި އިރު ދާޚިލީ ވަޒީރުކަން ކުރައްވާފައިވާ ޙަބީބުއްސައިދަކީ އަމަނާބެހޭ ކަންކަމުގައާއި އިގްތިސާދީ ދާއިރާގައި ގިނަ ތަޖްރިބާތަކެއް ލިބިވަޑައިގެން ހުންނެވި އިލްމީ ބޭފުޅެކެވެ. އިދިކޮޅު ޕާޓީގެ ގޮތުގައި ސިފަކުރެވޭ ނަހްޒާ މޫމެންޓުންވަނީ ހަބީބުއްސައިދަށް ތާއީދުކުރާކަން ހާމަކޮށް އޭނާއަށް މަރްޙަބާ ދަންނަވާފަ އެވެ.

ދެހާސް އެގާރަ ވަނަ އަހަރު ހިނގައިދިޔަ އަރަބި ރަބީއުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ވެރިކަމުގެ ނިޒާމު ބަދަލުވެގެންދިޔަ ގައުމަކީ ތޫނިސް އެވެ. ތޫނިސްގައި އަނިޔާވެރި ދިގުލީ ވެރިކަމެއް ކުރެއްވި ކުރީގެ ރައީސް ޒައިނުލްއާބިދީން ބިން އަލީގެ ވެރިކަން 2011 ގެ ޖަނަވަރީމަހު ވެއްޓުމަށްފަހު އެގައުމަށް ސިޔާސީ ހަމަޖެހުން މިހާރު ލިބިފައި ވީނަމަވެސް އިގްތިސާދީ ގޮތުންނާއި ސަލާމަތީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް އަދިވެސް ތޫނިސްއަށް ކުރިމަތިވެފައިވެ އެވެ. ނަމަވެސް އަރަބި ރަބީއުގައި ހިނގި ރައްޔިތުންގެ އުތުރި އެރުންތަކުގައި 2011 ވަނައަހަރު ވެރިކަމުގެ ނިޒާމްތައް ބަދަލުވި މިސްރާއި ލީބިޔާގެ ހާލަތާ އަޅާބަލާއިރު ތޫނިސްގެ ޙާލަތު އެތަށް ގުނައެއް ރަނގަޅެވެ.

އަރަބި ރަބީޢާއެކު މިސްރުގައި ގާއިމްކުރި ޑިމޮކްރެޓިކް ނިޒާމު ވެއްޓި އަރަބި ރަބީއުގެ ކުރިން އޮތް ހާލަތަށް މިސްރު އަލުން ވެއްޓިފައިވާއިރު ލީބިޔާވަނީ ހަމަނުޖެހުމާއި އަރާރުމާއި ތަޅާފޮޅުންތަކެއްގެ ތެރެއަށް ވެއްޓިފަ އެވެ.

ތޫނިސްގެ ބޮޑުވަޒީރުކަމުގެ މަގާމަށް ހަބީބުއްސައިދު އިޚްތިޔާރު ކުރުމާ ގުޅިގެން ދެއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ، އޭނާ ދައުލަތުގެ ކެބިނެޓް އެކުލަވާލާނީ ޕާލަމެންޓްގައި ހިމެނޭ ސިޔާސީ ހުރިހާ ޕާޓީއަކާ މަޝްވަރާކޮށްގެން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކަށް އަމާޒުކޮށްގެންނެވެ.

ތޫނިސްގެ ބޮޑުވަޒީރު ކަމަށް ހަބީބުއްސައިދު އައްޔަން ކުރެއްވިކަން ރަސްމީގޮތުން އިޢްލާން ކުރައްވާނީ އެގައުމުގެ ރައީސް އަލްބާޖީ ގާއިދް އައްސިބްސީ އެވެ. އަދި އައު ސަރުކާރުގެ ކެބިނެޓް އެކުލަވާލުމުގެ ކަންތައް ތޫނިސްގެ ރައީސް، ހަބީބްއައްސައިދާ މިއަދު ޙަވާލުކުރާނެ ކަމަށް ޚަބަރުލިބެ އެވެ. (އަލްޖަޒީރާ)