06 Jan 2015, 09:23
ކޮލޯނިޔާ (ޖަނަވަރީ 6): ޖަރުމަނުގެ ކޮލޯނިޔާގައި މުސްލިމުންނާ އަދި އިސްލާމް ދީނާ ދެކޮޅަށް ކުރަން ރާވާފައިވާ މުޒާހަރާއެއް ކެންސަލްކޮށްފި އެވެ.
ޖަރުމަނަށް ހިޖްރަކޮށްގެން އުޅޭ މުސްލިމުންނާ އިދިކޮޅު މީހުންނާއި އަދި އިސްލާމް ދީނާމެދު ނަފްރަތުކުރާ ޔޫރަޕްގެ އެކި ގައުމުތަކުގެ ހައްދުފަހަނަޅާފައިވާ ފިކުރުގެ މީހުން ގުޅިގެން ކުރުމަށް ރޭވި މިމުޒާހަރާ ކެންސަލް ކޮށްފައިވަނީ ކޮލޯނިޔާގެ ސިޓީގެ ރައްޔިތުން ގެ ދެކޮޅުހެދުންތަކާއެކު މުޒާހަރާ ކުރިޔަށް ގެންދަން ދަތިވެދާނެ ކަމަށް ބެލެވިގެން ކަމަށް ޚަބަރުތައް ބުނެ އެވެ.
ކޮލޯނިޔާގެ މޭޔަރު ބޯގިން ރޯޓަޒް ވިދާޅުވީ، މުސްލިމުންނާ އަދި އިސްލާމް ދީނާ ދެކޮޅަށް ކުރަން ރާވާފައިވާ މުޒާހަރާއަކީ ޖަރުމަނަށް ހިޖްރަކޮށްގެން އުޅޭ ހުރިހާ ނަސްލުތަކުގެ މީހުންނަށާއި އަދި ޚާއްސަކޮށް އެގައުމުގައި ދިރިއުޅޭ ތުރުކީ ނަސްލުގެ މުހާޖިރުންނަށް ނަފްރަތު ކުރުމާއި ހަސަދަވެރިވުމުގެ ނޭއްގާނި ފިކުރު ގެންގުޅޭ ޖަމާއަތްތައް ފަހަތުގައި ތިބެގެން ކުރަންއުޅުނު ކަމެއް ކަމުގަ އެވެ. ގަވައިދާ އެއްގޮތަށް ޖަރުމަނަށް ހިޖްރަކުރާ މުހާޖިރުންނަށް ނަފްރަތު ކުރުމާއި އެމީހުންނާ ޖައްސާލުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޖަރުމަނުގެ ބައެއް ސިޓީތަކުގައި ދާދިފަހުންވަނީ އެގައުމަށް ހިޖްރަކޮށްގެންއުޅޭ އެކި ނަސްލުތަކުގެ މީހުންނާ ދެކޮޅަށް ހިނގާލުންތައް ބާއްވާފައެވެ. ޖަރުމަނަށް ހިޖްރަކޮށްގެން އުޅޭ މީހުންގެ ތެރޭގައި އެންމެ ގިނައީ ތުރުކީ ދަރިކޮޅުގެ މުސްލިމުންނެވެ. މިބައިމީހުންގެ ސަބަބުން ނަޞާރާ ޖަރުމަނުގެ މުޖްތަމައު މުސްތަގްބަލްގައި އިސްލާމީ މުޖްތަމައަކަށް ބަދަލުވެގެން ހިނގައިދާނެ ކަމުގެ ބިރު އިޙްސާސްކުރަން ޖެހިފައިވާ ކަމަށްބުނެ ޔޫރަޕްގެ ހައްދުފަހަނަޅަފައިވާ ޖަމާއަތެއް ކަމަށްވާ ޕެޑިގާއިން ޖަރުމަނުގެ ބޮޑެތި ސިޓީތަކުގައި ދާދިފަހުން މުޒާހަރާތަކެއް ބާއްވާފައިވެއެވެ. މިމުޒާހަރާތަކުގައި 18000 މީހުން ބައިވެރިވެފައިވެ އެވެ.
ޖަރުމަނުގެ ރައްޔިތުންގެ ބަޔަކު ޕެޑިގާ ޖަމާއަތުގެ ހަރުކަށި ފިކުރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ބައިވެރިވި މިހުން މަދުކަމުން ޔޫރަޕްގައި ނަޞާރާ ހަރުކަށި ޚިޔާލުތައް ފެތުރެމުންދާ ކަމުގެ އިންޒާރު ބައެއްފަރާތްތަކުން ވަނީ ދީފަ އެވެ.
ޕެޑިގާ ޖަމާއަތަކީ ޕެޓްރިއޮޓިކް ޔޫރަޕިޔަންސް އަގައިންސްޓް ދަ އިސްލާމިޒޭޝަން އޮފް ވެސްޓް ނަމަކަށް ކިޔާ ހަރުކަށި ޖަމާއަތެކެވެ. މިޖަމާއަތުން މަސައްކަތް ކުރަނީ ޔޫރަޕް އިސްލާމީ ތަނަކަށް ހެދުމާ ދެކޮޅަށެވެ. ނަމަވެސް މިއީ ދީނީ މިނިވަންކަން އޮންނަންވާނެ ކަމަށް ބުނާ ޔޫރަޕްގެ ސެކިއުލަރ ޑިމޮކްރަސީގެ ފަލްސަފާއާ މުޅިން އިދިކޮޅު ކަމެކެވެ.
ޔޫރަޕްގައި އެންމެ ބޮޑަށް ފެތުރެމުންދާ ދީނަކީ އިސްލާމް ދީނެވެ. ޚާއްސަކޮށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތްފަދަ ޔޫރަޕްގެ ބޮޑެތި ގައުމުތަކުގެ އާބާދީގައި މުސްލިމުންގެ ނިސްބަތް އަހަރުން އަހަރަށް އިތުރުވަމުންދާތީ ޕެޑިގާ ޖަމާއަތުން ދަނި ކަންބޮޑުވާކަން ހާމަކުރަމުންނެވެ.
މިހާރަކަށް އައިސް ޔޫރަޕްގެ ގައުމުތަކުގެ މިސްކިތްތަކަށްވެސް ގޮތްނޭންގޭ ބަޔަކު ޙަމަލާތައް ދެމުންގެންދެއެވެ. އެންމެ ގިނައިން ޙަމަލާތައްދިން މިސްކިތްތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ސްވިޑްން ގެ މިސްކިތްތަކަށް ހިމެނެ އެވެ. މި ހަމަލާތަކުގެ ފަހަތުގައިވާ ބަޔަކު މިދެގައުމުގެ ފުލުހުންނަށް ހޯދިފައިނުވާތީ މިއީ ސުވާލުތަކެއް އުފެދިފައިވާ ކަމެކެވެ. (ނޫސްއެޖެންސީތައް)