ހުޅުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މުސާ މަނިކު އެމްޑީޕީ އިން ވަކި ކުރި މައްސަލަ އެ ޕާޓީގެ އިސްތިއުނާފު ކޮމިޓީ އަށް ހުށަހެޅުމުން އެ މައްސަލަ އެ ޕާޓީގެ އިސްތިއުނާފު ކޮމިޓީ އިން މިއަދު ބަލަން ފަށައިފި އެވެ.

އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓީގެ އަސާސީ ގަވާއިދުގެ 119 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މައްސަލަ ބެއްލެވުމަށް އިސްތިއުނާފުގެ ފަނޑިޔާރު މަޖިލިހުގެ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕެނަލްއެއް ކަނޑައަޅައި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.

މޫސަގެ މައްސަލަ ބެލުމަށް އެމްޑީޕީގެ އިސްތިއުނާފް ކޮމިޓީގެ މުގައްރިރަކަށް އިންނަވަނީ ފަރީޝާ ޢަބުދުﷲ އެވެ. އިސްތިއުނާފު ކޮމިޓީގައި ދެން ތިއްބަވާ ބޭފުޅުންނަކީ މުޙައްމަދު މާޙިރު އީސާ އާއި ކުރީގެ ޔޫތު މިނިސްޓަރު ޙަސަން ލަޠީފް އާއި ޙަސަން ޒާޙިރުގެ އިތުރުން ނާޒިލް އަފީފު އެވެ.

އެމްޑީޕީގެ އިސްތިއުނާފް ކޮމިޓީ އިން މޫސަ އެޕާޓީ އިން ވަކިކުރެއްވި މައްސަލަ ބަލަމުންދާ އިރު މޫސަ އެމްޑީޕީ އިން ވަކިކުރި މައްސަލަ އިލެކްޝަންސް ކޮމިޝަނުން ވެސް އަންނަނީ ބަލަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުއަށް އެޑްރެސްކޮށް މޫސަ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މޫސަ އެމްޑީޕީ ވަކިކުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި މޫސައާ މެދު ވެސް އަމަލުކުރަން ޖެހޭނީ ވޯޓުގައި ބައިވެރިވި އެހެން މެމްބަރުންނާ މެދު ވެސް އަަމަލުކުރި ގޮތަކަށް ކަމަށެވެ.

"ސަން" އާ ވާހަކަފުޅުދައްކަވަމުން މޫސަ އިއްޔެ ވިދާޅުވީ އެމްޑީޕީ އިން އޭނާ ވަކިކުރަން ނިންމި ނިންމުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. ހަމަ އެއާ އެކު އެމްޑީޕީގެ ކަންކަމުގައި ފަހު ބަސް ބުނާ ތަނަކަށް އޮންނާނީ އިސްތިއުނާފު ކޮމިޓީ ކަމަށާއި އެހެންކަމުން މޫސަ ޕާޓީ އިން ވަކި ކުރި މައްސަަލަ އިސްތިއުނާފު ކުރަން ހުށަހަޅައިފަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީ އިން މޫސަ ވަކިކުރަން އެ ޕާޓީ އިން ނިންމި އިރު ރައްޔިތުންގެ މަޖިލީހުގައި މޫސަ ތަމްސީލް ކުރަމުންދާ އެމްޑީޕީ އިން ވަކިވިކަމެއް އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީ އިން ހުށަހަޅައިފަ ނުވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އެމްޑީޕީ އަށް ދެރައެއް ލިބެން އޭނާ ބޭނުން ނުވާ ކަމަށާއި އަދި އެންމެ މީހަކު "އެމްޑީޕީ ހައިޖެކް ކޮށްގެން" ގެންގުޅޭތަން ބަލަން ބޭނުންނުވާ ކަމަށެވެ.