ހޭންޑްބޯލް މޯލްޑިވްސް އެސޯސިއޭޝަން އެކުލަވާލައި މި އަހަރުގެ ގައުމީ އަންހެން އަދި ފިރެހެން ހޭންޑްބޯލް ސްކޮޑުތަކަށް ކުޅުންތެރިން ނެގުމަށް އެ އެސޯސިއޭޝަނުން މިއަދު އާންމުކޮށް ފުރުސަތު ހުޅުވާލައިފި އެވެ.

ހޭންޑްބޯލް މޯލްޑިވްސްއިން މިއަދު ބުނީ ގައުމީ ހޭންޑްބޯލް ސްކޮޑުތަކަށް ކުޅެން ބޭނުންވާ ކުޅުންތެރިންނަށް މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލެވިފައި ވާއިރު، އެ އެސޯސިއޭޝަނުން ބުނީ އެކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ އެސޯސިއޭޝަނަށް ސިޓީއަކުން ނުވަތަ މެއިލް އަކުން އެކަން ހުށަހެޅިދާނެ ކަމަށެވެ.

ހޭންޑްބޯލް އެސޯސިއޭޝަނުން މިއަދު ބުނީ ޖެނުއަރީ 15 ވަނަ ދުވަހުން ފެށިގެން ބާއްވާ ޓްރައިލް ތަކަށްފަހު ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ގައުމީ ހޭންޑްބޯލް ސްކޮޑުތައް އެކުލަވާލައި ނިމޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ހޭންޑްބޯލް މޯލްޑިވްސްއިން ބުނީ މި އަހަރުގެ އޯގަސްޓު މަހު ބާއްވާ އިންޑިއަން އައިލެންޑް އޯޝަން ގޭމްސްގައި ރާއްޖޭގެ ގައުމީ އަންހެން ހޭންޑްބޯލް ޓީމް ބައިވެރިވާން ހަމަޖެހިފައިވާ ކަމަށާއި، ނަމަވެސް އެ މުބާރާތުން ގައުމީ ފިރެހެން ހެންޑްބޯލް ޓީމަށް ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. އަދި ގައުމީ ސްކޮޑުތައް އެކުލަވާލުމަށްފަހު ޓީމްތައް ޕްރެކްޓިސް ކުރާނެ ތަނެއް މި އަހަރު އެ އެސޯސިއޭޝަނަށް ކަނޑައަޅައި ދޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފައި ވާކަމަށް ވެސް ހޭންޑްބޯލް މޯލްޑިވްސްއިން މައުލޫމާތު ދިނެވެ.

ރާއްޖެގެ ގައުމީ ހޭންޑްބޯލް ޓީމްތައް މިދިޔަ އަހަރު އޮތް އޭޝިއަން ގޭމްސް އާއި ބައިނަލް އަގްވާމީ ހޭންޑްބޯލް ފެޑަރޭޝަން ކަޕްގައި ވެސް ބައިވެރިވެފައި ވާއިރު، ރާއްޖޭގެ ޓީމްތަކަށް އެ މުބާރަތްތަކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދޭ ގޮތް ވަނީ ނުވެފަ އެވެ. އަދި މިދިޔަ އަހަރު ބޭއްވި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމްތަކުން ބައިވެރިވެފައި ވަނީ ގިނަ ގޮންޖެހުންތަކަކާ އެކީއެވެ.