ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 50 ޑޮލަރަށްވުރެ ދަށަށް ވެއްޓިއްޖެ އެވެ.

މިއީ ތެލުގެ އަގު 2009 ވަނަ އަހަރަށް ފަހު މި ވަރަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. ތެލުގެ އަގަށް އައި ބަދަލާ އެކު އެމެރިކާގެ އެންމެ ބޮޑު ދެ ހާރުހާނާ، ބްރެންޓާއި ލައިޓް ކްރުޑްގެ ފައިދާ ވަނީ މިދިޔަ އަހަރުގެ މެދާ އަޅާ ބަލާ އިރު ދެ ބައިކުޅައެއްބައި ވެއްޓިފަ އެވެ.

ރޮއިޓާސް އިން މިއަދު ބުނީ ރަޝިޔާގައި ދުވާލަކު 10.58 މިލިއަން ފީފާގެ ތެޔޮ ދުވާލަކު އުފައްދާ ކަމަށެވެ.
އިރާގުގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ 1980 ވަނަ އަހަރަށް ފަހު އެ ގައުމުން އެންމެ ގިނަ އަދަދަކަށް ތެޔޮ ވިކެނީ މިހާރު ކަމަށެވެ.

ތެޔޮ އުފައްދާ ގައުމުތައް ތަމްސީލު ކުރާ އޯޕެކުން ބުނީ ބާޒާރުގައި ތެލުގެ އަގު ވެއްޓުނަސް، އުފައްދާ އަދަދު މަދު ނުކުރާނެ ކަމަށެވެ. އަދި ބުނީ އޭގެ ޒާތުގައި ތެލުގެ އަގު ހަމައަކަށް އެޅޭނެ ކަމަށެވެ.

ސައުދީ އެރެބިޔާ އިން ކުރިން ބުނީ ކުރުޑް އޮއިލްގެ ފީފީއެއްގެ އަގު 20 ޑޮލަރަށް ވެއްޓުނަސް، އޯޕެކުން ތެޔޮ އުފައްދާ ވަރު މަދު ނުކުރާނެ ކަމަށެވެ. އަދި ސައުދީ އަރަބިޔާގެ ތެލާ ބެހޭ ވަޒީރު އަލީ އަލް ނާއިމި އާ ހަވާލާދީ "ފަރާންސް 24" އިން ކުރިން ބުނީ "ތެޔޮ ފީފާއެއްގެ އަގު 20 ޑޮލަރު، 40 ޑޮލަރު، 50 ޑޮލަރަށް ވެއްޓުނަސް" ތެޔޮ އުފައްދާ އަދަދު މަދު ކުރާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށެވެ.

އޯޕެކުން އުފައްދާ ތެލުގެ މިންގަނޑުގައި އަންނަނީ އެއްވަރެއްގައި ހިފަހައްޓަމުންނެވެ. މިދިޔަ ނޮވެމްބަރު މަހުގެ ރެކޯޑްތަކަށް ބަލާ އިރު އޯޕެކުން ދުވާލަކު 30 މިލިއަން ފީފާގެ ރޭޓުން ތެޔޮ އުފައްދާފައިވެ އެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ޖޫން މަހު ހުރި ވަރަށް ވުރެ 50 ޕަސެންޓް ވެއްޓިފަ އެވެ.

މި އަހަރު ފެށުނު އިރު ދުނިޔޭގެ ބާޒާރުގައި 100 ޑޮލަރަށް ވުރެ މަތީގައި ހުރި ތެތޮ ފީފާއެއްގެ އަގު މިހާރު ހިރީ 50 ޑޮލަރުގަ އެވެ.