އަންހެނުންނަށް ކުރާ ޖިންސީ އަނިޔާތަކާ ފުރައްސާރަކުރުމުން ސަލާމަތްކުރުމަށް ނޭޕާލުގައި އަންހެނުންނަށް ހާއްސަ ބަހުގެ ހިދުމަތް ދޭން ފަށައިފި އެވެ.

ބައިބޯ ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި އެ ހިދުމަތްދޭ ބަގްމަތީ ޓްރާސްޕޯޓް އެންޓަޕްރިނިއާ އެސޯސިއޭޝަންގެ ޗެއާމަން ބަރަތު ނޭޕާލް ވިދާޅުވީ އެ ހިދުމަތުގެ ބޭނުމަކީ އަންހެނުންނަށް ރައްކާތެރިކަމާ އަރާމުކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

އެ ބަސްތަކުގައި ކްރޫއިންގެ ގޮތުގައި މަސައްކަތް ކުރާނީ ވެސް އަންހެނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޖުމްލަ 16 ސީޓުގެ ހަތަރު ބަހާއެކު ނޭޕާލުގައި ފެށި އެ ހިދުމަތުގެ ދަށުން ބަހުގެ ދަތުރުތައް ކަތަމަންޑޫގެ މުހިއްމު މަގުތަކުގައި ހެނދުނާއި ހަވީރު ދޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ނޭޕާލުގެ ގާނޫނުގައި ބުނާ ގޮތުން ކަތަމަންޑޫގައި ދަތުރުފަތުރަށް ބޭނުންކުރާ ހުރިހާ ބަހެއްގައި އަންހެނުންނަށް ހާއްސަ ކޮށް ވަކި އަދަދަކަށް ގޮނޑިތައް ހުންނަންޖެހެ އެވެ. ނަމަވެސް، އެ ގާނޫނު ތަންފީޒުވަމުން ނާންނަކަމަށް ގިނަ ބަޔަކު ބުނެއެވެ.

ވޯލްޑް ބޭންކުން 2013 ވަނަ ހެދި ސާވޭއަކުން ދައްކާ ގޮތުން ނޭޕާލުގެ ޒުވާން އަންހެނުންކުދިންގެ ތެރެއިން ތިންބައިކުޅަ އެއްބައި ކުދިންނަކީ ފަބްލިކް ޓްރާސްޕޯޓުގައި ކޮންމެ ވެސް ކަހަލަ ޖިންސީ ފުރައްސާރައެއް ކުރިމަތިވާ ކުދިންނެވެ.