ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީއަށް ތާއީދުކުރާ މީހުންނާއި އެގައުމުގެ ވެރިކަން ކުރާ ޕާޓީއަށް ތާއީދު ކުރާ މީހުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އިދިކޮޅު ޕާޓީގެ ދެމީހަކު މަރާލައިފި އެވެ.

އަލްޖަޒީރާ ބުނީ އިދިކޮޅު ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީގެ ލީޑަރުންގެ ގޮވައިލުމަށް ކުރި މުޒާހަރާއެއްގައި ބައިވެރިވި ދެ އެކްޓިވިސްޓަކު މަރުވީ އެމީހުންގެ ގަޔަށް މީހަކު ބަޑިޖެހުމުގެ ސަބަބުން ކަމަށެވެ. ބަންގްލަދޭޝް ފުލުހުން ބުނެފައި ވަނީ ބީއެންޕީގެ ދެ އެކްޓިވިސްޓުން މަރާލީ ވެރިކަން ކުރާ އަވާމީ ލީގަށް ތާއީދުކުރާ މީހުންނާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށެވެ. އުމުރުން 20 އަހަރު ތަކުގައިވާ އެދެމީހުން ގަޔަށް ބަޑިޖެހީ ސައިކަލެއްގައި އައި ބަޔަކު ކަމަށް ވެސް ބުނެފައިވެ އެވެ.

ބީއެންޕީން އިން މިއަދު މުޒާހަރާކުރަން ނުކުތީ ބަންގްލަދޭޝްގައި އެންމެ ފަހުން ބޭއްވި، އަދި އެ ޕާޓީން ބޮއިކޮޓް ކުރި އިންތިހާބަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް އެޕާޓީގެ ލީޑަރު ޚާލިދާ ޒިޔާ ގޮވައިލެއްވުމުންނެވެ.

އެހާދިސާ ހިނގީ ޚާލިދާ ޒިޔާއަށް މުޒާހަރާގައި ބައިވެރި ނުވެވޭ ގޮތަށް ބަންގްލަދޭޝް ފުލުހުން އޭނާ ހިސާރުކޮށްފައި ވަނިކޮށެވެ. ބަންގްލަދޭޝް ފުލުހުން ވަނީ ޚާލިދާގެ އޮފީހަށް ދެވެން އޮންނަ ހުރިހާ މަގެއްގައި ވެލިބަސްތާ ޖަހައި ބަންދުކޮށްފަ އެވެ.