މިދިޔަ އަހަރު ތިން ވަނައަށް އެންމެ ގިނައިން ސްމާޓްފޯނު ވިއްކި ކުންފުންޏަކަށް ޗައިނާގެ ސްމާޓް ފޯނު ކުންފުނި "ޝިއޯމީ" ވެއްޖެ އެވެ.

އެންމެ ގިނައިން ފޯނު ވިއްކާފައިވާ ފަސް ކުންފުނީގެ ތެރޭގައި ޝިއޯމީ އިން 2013 ގައި ހިިމެނިފައިވާއިރު މިދިޔަ އަހަރު ނިމުން އިރަށް ތިން ވަނައަށް އެންމެ ގިނައިން ފޯނު ވިއްކި ކުންފުންޏަށްވީ، ޗައިނާގެ އެހެން ފޯނު ކުންފުންޏެއް ކަމަށްވާ ވާއްވޭ އަދި ސައުތު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ އެލްޖީ ފަހަތައް ޖައްސާލުމަށްފަހު އެވެ.

މިދިޔަ އަހަރުގެ އެންމެ ގިނަ ސްމާޓްފޯންތަކެއް ޝިޕްކޮށްފައި ވަނީ ސްމާޓްފޯނު މާކެޓުގައި ރަސްކަން ކުރާ ދެ ކުންފުނި ކަމަށްވާ ސެމްސަންގް އާއި އެޕަލް އެވެ. ނަމަވެސް ޝިއޯމީން ވަނީ މިދިޔަ އަހަރުގެ ތެރޭގައި އެކުންފުނިން 2013 ގައި ސްމާޓްފޯން ޝިޕް ކުރި އަދަދު ތިން ގުނައަށް އިތުރުކޮށްފަ އެވެ.

ޝިއޯމީން 2013 ގައި 18.7 މިލިއަން ފޯނު ވިއްކާފައިވާއިރު މިދިޔަ އަހަރު އެކުންފުނިން ފޯނުގެ ޝިޕްމެންޓު އިތުރުކޮށް 61.1 މިލިއަން ފޯނު ވިއްކާފައިވެ އެވެ. އެއީ 2013 އަށްވުރެ 227 އިންސައްތަ މަތީ އަދަދެކެވެ. މީގެ އިތުރުން އެކުންފުންޏަށް ސޭލްސްގެ ގޮތުގައި 12.2 ބިލިއަން ޔޫއެސް ޑޮލަރު ލިބިފައިވާއިރު ކުރީގެ އަހަރަށްވުރެ މިދިޔަ އަހަރުގެ ސޭލްސް ވަނީ ދެގުނައަށްވުރެ އިތުރުވެފަ އެވެ.

ގައުމުން ބޭރުގައި ޝިއޯމީގެ އެންމެ ބޮޑު ޑިމާންޑެއް އޮންނަ އިންޑިއާގައި މިދިޔަ އަހަރު އެއް މިލިއަން ފޯނު ވިއްކާފައިވެ އެވެ. ދާދި ފަހުން އެންމެ ވަރުގަދަ ޓެކްނޮލޮޖީ ބްރޭންޑުތަކުގެ ތެރޭގައި ހިމެނިފައިވާ ޝިއޯމީ އަކީ ސްމާޓްފޯނު ކުންފުނިތަކުގެ މެދުގައި ރަސްކަން ކުރަމުން އަންނަ ސެމްސަންގަށާއި އެޕަލް އަށް އޮތް ބިރެކެވެ.

ޝިއޯމީގެ ފައުންޑާ އަދި ޗީފް އެގްޒެކިއުޓިވް ވިދާޅުވީ މިދިޔަ އަހަރަކީ އެ ކުންފުނިން ގިނަ ހަރުފަތްތަކެއް ގިރާކުރި އަހަރެއް ކަމަށާއި ފަހަތުން އަރައި ޗައިނާގެ މާކެޓު ލީޑަރަކަށް މިދިޔަ އަހަރު އެ ކުންފުނި ވެއްޖެ ކަމަށެވެ.