މިރޭ މާލޭގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ މިރޭ 7:15 އެހާކަށް ހާއިރު މައްޗަންގޮޅީ ރެޑްވޭވް ކައިރީގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ބުނީ އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

"އެކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކުރެވިފައެއް ނުވޭ. ތުހުމަތު ކުރެވޭ މީހުން ހޯދުމަށް މަސައްކަތް ކުރަމުން ދަނީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މާލޭގައި ރޭ މާރާމާރީ ހިންގަން އުޅުނު 11 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭމާރާމާރީ ހިންގަން އުޅުނު މީހުން ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހަކަށް ވަނީ އަނިޔާވެފަ އެވެ.