ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ އާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ކާމިޔާބުކުރިއިރު، ބާސާއާ ދެކޮޅަށް ކުޅޭ މެޗެއްގައި އެ ޓީމްގެ މައްޗަށް ކުރި ހޯދާނެ ގޮތަކާމެދު އަބަދުވެސް ވިސްނާ ކަމަށް ރެއާލް ސޮސިއެޑާޑްގެ ކޯޗް ޑޭވިޑް މޮޔެސް ބުނެފި އެވެ.

މިދިޔަ ނޮވެންބަރު މަހު ރެއާލް ސޮސިއެޑާޑްގެ ކޯޗުކަމާ ހަވާލުވި މޮޔެސް ބުނީ އޭނާ ކުރިން ކޯޗުކަން ކޮށްދިން ކްލަބުތަކުގައި ވެސް ބާސާއާމެދު ވާހަކަ ދައްކާފައި ވާނެ ކަމަށާއި އޭރުއްސުރެ އެ ޓީމްގެ ކުޅުމަށް ތައުރީފް ކުރި ނަމަވެސް އެ ކްލަބާ ދެކޮޅަށް ނަތީޖާ ނެރެވޭނެ ގޮތަކާމެދު އަބަދު ވެސް ވިސްނި ކަމަށެވެ. އަދި ރޭ އެ ކަމަށް ފުރުސަތު ލިބިގެން ދިޔަ ކަމަށާއި، ރޭގެ މެޗު ކާމިޔާބު ކުރެވުނު ނަމަވެސް ބާސާއާ ދެކޮޅަށް އަދި އެއަށްވުރެ ވެސް ރަނގަޅު ކުޅުމެއް ދައްކަން އޭނާ ބޭނުންވި ކަމަށް މޮޔެސް ބުންޏެވެ.

"އެވާޓަން އާއި ޔުނައިޓަޑަށް ކޯޗުކަން ކޮށްދިން އިރު ވެސް ބާސާ ބަލިކުރެވޭނެ ގޮތަކާމެދު އަހަރުމެން ވިސްނިން. ރޭގެ މެޗަކީ އެކަމަށް ލިބިގެން ދިޔަ ފުރުސަތެއް. މެޗުގެ އަހަރުމެނަށް އަވަސް ލީޑެއް ލިބުނު ނަމަވެސް އެ މެޗު ބާސާއަށް އެ އަށްވުރެ އުނދަގޫ މެޗަކަށް ހަދަން އަހަރެން ބޭނުންވި. އެހެންކަމަށް ވިއަސް ރޭގެ މެޗުގައި ވެސް އެ ޓީމާ ދެކޮޅަށް އަހަރުމެނަށް ދެއްކުނީ ހަމަ ވަރަށް ރަނގަޅު ކުޅުމެއް،" މޮޔެސް ބުންޏެވެ.

ރޭގެ މެޗަށް ބާސާގެ ކޯޗު ލުއިސް އެންރީކޭ ނެގި ފުރަތަމަ އެގާރައިން އެންމެ ސިއްސުވާލިއިރު، ރޭގެ މެޗު ބާސާއިން ފެށީ އެ ޓީމްގެ ފޯވާޑް ލައިންގެ ތަރިން ކަމަށްވާ ލައޮނަލް މެސީ އާއި ނޭމާ އަދި ޑެނީ އަލްވޭސް ނުލަ އެވެ. ނަމަވެސް މޮޔެސް ބުނީ އެ ކުޅުންތެރިން ނުލާ ރޭގެ މެޗު ފަށަން އެންރީކޭ ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި ބާސާގެ ސްކޮޑު އެންމެ ރަނގަޅަށް އިނގޭނީ އެންރީކޭއަށް ކަމަށެވެ.

"އެ މެޗަށް ނޭމާ އާއި މެސީ ފެންނާނީ ބެންޗުންކަން އަހަންނަށް އިނގޭ. އަހަރެން ވެސް ބޮޑު ކްލަބެއް މެނޭޖް ކޮށްފިން. އެކަހަލަ ކްލަބެއްގައި ބޭނުން ހިފޭނެ ބައިވަރު ކުޅުންތެރިން ތިބުމުގެ އިތުރުން ކުޅެން ޖެހޭ މެޗުތައް ވެސް ގިނަ ވާނެ. އެހެންކަމުން އެކަހަލަ ކްލަބުތަކަށް މުހިންމު ވާނީ ސީޒަންގެ ފަހުކޮޅުގައި އަންނަ މެޗުތައް. އެ މެޗުތަކަށް ޓީމްގެ މުހިންމު ކުޅުންތެރިންނަށް ރެސްޓު ދޭން ޖެހޭނެ. ރޭގެ މެޗު ބާސާއިން ފެށީ ހަމަ ފެންވަރު ރަނގަޅު ކުޅުންތެރިންނާ އެކީ. އެންރީކޭ ހުރި މަގާމުގައި އަހަރެން ހުރި ނަމަ އަހަރެންވެސް ކަންތައް ކުރާނީ އެހެން،" މޮޔެސް ބުންޏެވެ.

އޭގެ އިތުރުން މޮޔެސް ބުނީ ބާސާ އާއި ރެއާލް މެޑްރިޑް އަދި އެތްލެޓިކޯ ފަދަ މަތީ ފަންތީގެ ޓީމްތަކާ ދެކޮޅަށް އޭނާ ރެއާލް ސޮސިއެޑާޑްއާއެކު ކުޅެން ބޭނުވާ ކަމަށާއި ނަމަވެސް އެކަން ކުރަން ބެނުންނަމަ އަދިވެސް އެ ޓީމްގެ ސްކޮޑު އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.

އެލެކްސް ފާގަސަން އަށްފަހު މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗުކަން 10 މަސް ދުވަސް ވަންދެން ކުރި މޮޔެސް ރެއާލް ސޮސިއެޑާޑްއަށް ބަދަލުވީ އޭނާ ޔުނައިޓަޑުގެ ކޯޗުކަމުން ވަކި ކުރުމުންނެވެ. އަދި އޭނާ ރެއާލް ސޮސިއެޑާޑްއާ ހަވާލުވުމަށް ފަހު ސްޕެނިޝް ލީގުގައި އެ ޓީމް ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމް ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.