05 Jan 2015, 20:47
މާފުށީ ގެސްޓް ހައުސްއަކަށް ވަދެ، ގެސްޓް ހައުސްގައި މަސައްކަތް ކުރާ މީހަކާ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ވާގަލި ކިޔާ ޕިކްނިކު އައިލެންޑަށް ގެސްޓުން ގެންދިޔުމުގެ މައްސަލާގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި، މާފުށީގައި ހުންނަ "ކާނިވިލޭޖް" ގެސްޓް ހައުސަށް އެ ރަށުގައި ހިންގަމުން އަންނަ ސަމާވިލާ ގެސްޓް ހައުސްގެ ބަޔަކު އައިސް މާރާމާރީ ހިންގާފައި ވަނީ ރޭ 8:30 ކަންހާއިރެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 46 ދިވެހި ފިރިހެނަކާއި 29 ދެ ދިވެހި ފިރިހެނުން ކަމަށެވެ. އަދި އެ މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު އިރާކޮޅުގެ ވަގުތެއްގައި ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ، ސަމާވިލާ ގެސްޓް ހައުސްގެ ތިން މީހެކެވެ.
ވާގަލީގެ ބުކިންތައް ނެގުމަށް އެ ރަށް ހިންގަމުން އަންނަ ފަރާތުން ހަވާލުކޮށްފައިވާ ސަމާވިލާ ގެސްޓް ހައުސްގެ އިސްވެރިއެއް ކަމަށްވާ މުހައްމަދު ނަބީހު ބުނި ގޮތުން އެ މައްސަލަ ފެންމަތިވެފައި ވަނީ ވާގައްޔަށް ގެސްޓުން ގެންދިއުމަށް ކާނިވިލޭޖެއް ހުއްދަ ދީފައިވަނިކޮށް، ވާގަލީގެ މެނޭޖްމަންޓުން އެރަށް ބުކްވެފައިވާ ކަމަށް އެންގުމުން ކަމަށެވެ.
"ކާނި ވިލޭޖުގެ އިތުރުން ދެ ފަރާތަކުން ވާގައްޔަށް ފަތުރުވެރިން ގެންދިއުމަށް ހުށަހަޅާފަ އޮތް. އޮތްވާ އެ ރަށުގެ މެނޭޖްމަންޓުން އެންގީ އެރަށް އެއްކޮށް ބުކްވެފަ އޮތް ކަމަށް. ދެން އަޅުނގަޑުމެން އެ ހުރިހާ ފަރާތަކަށް އެކަން އެންގިން. ނަމަވެސް ކާނިވިލޭޖުން އެކަމާ ހިތްހަމަނުޖެހުނު،" ސަމާވިލާގެ ޑިރެކްޓަރެއް ކަމަށްވާ ނަބީހު ބުންޏެވެ.
ސަމާވިލޭޖުން ބުނާ ގޮތުން، އެ މައްސަލަ ހޫނުކުރީ ކާނިވިލޭޖުންނެވެ. އެގޮތުން އެ ހުއްދަ ނުދިނުމުން ސަމާވިލާޖަށް އައިސް ބައެއް ތަކެއްޗަށް ގެއްލުންދިން ކަމަށް ވެސް ނަބީހު ބުންޏެވެ.
ރޭ ހިނގި އެ މާރާމާރީގެ ސީސީޓީވީ ވީޑިއޯއެއް ވެސް ވަނީ ޔޫޓިއުބަށް އަޕްލޯޑްކޮށްފަ އެވެ. އެ ފުޓޭޖުން ފެންނަ ގޮތުން ރޭ ތިން މީހަކު ގެސްޓް ހައުސްއެއްގެ ތެރެއަށް ވަދެ ގެސްޓް ހައުސް ތެރޭގައި ހުރި މީހެއްގެ ގަޔަށް އަތްލައި ތަޅައި އޭނާގެ ބޮލުގައި ޖަހައި އަދި އޭނާގެ ގަމީސް ވީދާލާތަން ފެނެ އެވެ.