05 Jan 2015, 20:02
ރާއްޖޭގައި ކުޅޭ ޗެރިޓީ މެޗެއްގައި ބައިވެރިވުމުގެ ދައުވަތު އިންގްލެންޑް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމަށް ދީފި އެވެ.
އާއިލާއާއެކު ރާއްޖޭގައި ހޭދަ ކުރި 10 ދުވަހުގެ ޗުއްޓީއަށްފަހު، އެއާޕޯޓަށް ފުރަން ގޮސް ހުރި ބެކަމަށް އެ ދައުވަތު މިއަދު ދެއްވީ ރާއްޖޭގެ ގައުމީ ޓީމުގެ މެނޭޖަރު އަހުމަދު މަހުލޫފެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ވީއައިޕީގައި ބެކަމްއާ ބައްދަލުކޮށް މަހުލޫފު ވަނީ ޗެރިޓީ މެޗެއްގައި ކުޅުމުގެ ދައުވަތާ ބެހޭ ގޮތުން އޭނާއާ ވާހަކަފުޅު ދައްކަވާފަ އެވެ.
މަހުލޫފު "ސަން"އަށް މިރޭ ވިދާޅުވީ ޗެރިޓީ މެޗެއްގައި ކުޅުމުގެ ދައުވަތު ބެކަމަށް ދެއްވުމުން، އޭނާގެ އެޖެންޓުން މެދުވެރިކޮށް، އެ މަޝްވަރާ ކުރިއަށް ގެންދިގެންދާނެ ކަމަށް ވިދާޅުވި ކަމަށެވެ.
"އަޅުގަނޑުގެ ކާޑު [ބިޒްނަސް ކާޑު] ބެކަމް ގެންދިޔަ، އަދި ބުނި އެޖެންޓުން މެދުވެރިކޮށް އެކަމުގެ ވާޙަކަތައް ކުރިއަށް ގެންދާނެ ކަމަށް،" ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މަހުލޫފު ވިދާޅުވި އެވެ.
ބެކަމް ބައިވެރިވުމަށް ދައުވަތު ދެއްވި ޗެރިޓީ މެޗުގެ ތަފްސީލެއް މަހުލޫފު ނުދެއްވަ އެވެ. މަހުލޫފު ވަނީ ބެކަމަށް ގައުމީ ޓީމްގެ ހަތް ނަންބަރު ޖާޒީ މިއަދު ހަވާލުކޮށްފަ އެވެ. މަހުލޫފު ބުނީ އެ ޖާޒީ ހަވާލު ކުރުމުން އޭނާ ވަރަށް އުފާވި ކަމަށާއި ރާއްޖޭގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރާ ކަމަށް ބެކަމް ބުނި ކަމަށެވެ.
ބަޔާން މިޔުނިކް އަދި ނެދަލެންޑްސްގެ ވިންގާ އާޔެން ރޮބެންއާ ވެސް މަހުލޫފު މިއަދު ވަނީ ބައްދަލު ކުރައްވާފަ އެވެ. ރޮބެންއާއެކު ނަގާފައިވާ ސެލްފީއެއް މަހުލޫފު ވަނީ "ސަން"އަށް ފޮނުވާފަ އެވެ.

ބެކަމް އާއި އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމް އާއި ހަތަރު ކުދިން އާ އަހަރު ފާހަގަ ކުރީ ވަން އެންޑް އޮންލީ ރީތި ރަށުގަ އެވެ. އާ އަހަރާ ދިމާކޮށް ޗެލްސީގެ ވެރިޔާ ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަހަމޮވިޗް އާއިލާ ވެސް ވަނީ ރީތީ ރަށުގައި ޗުއްޓީ ހޭދަކޮށްފަ އެވެ.