05 Jan 2015, 17:48
ބޭރުގެ އެކި ފަރާތްތަށް ގެނެސްގެން މިއުޒިކް ޝޯތައް ބޭއްވުމަށް އެމްޑީޕީން އަބަދުވެސް ތާއިދު ކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީ ޒުވާނުންގެ ގޮފީގެ ރައީސް މުހައްމަދު އަޒުމީލް މިއަދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ވެސް ބޭރުގެ އާޓިސްޓުން ގެނެސްގެން ޝޯ ބާއްވަން މަސައްކަތްކޮށްފައި ވާނެ ކަމަށާއި، މިއުޒިކު ޝޯތަކަށް އެމްޑީޕީގެ ފުރިހަމަ ތާއީދު އަބަދުވެސް އޮއްނާނެ ކަމަށެވެ.
"މިކަހަލަ ޝޯތަކާ އެއްޗެހި ބޭއްވުމަށް އެމްޑީޕީގެ ފިކުރު އެބަ ހުރި، އަދި އަޅުގަނޑުމެން މިކަން ކަމަށް ސަޕޯޓު ވެސް ކުރަން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަހަލަ ޝޯތަކާ އެއްޗެހި ބާއްވަން އެބަޖެހޭ،" އަޒުމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައިނަލް އަގުވާމީ ފެންވަރުގެ އާޓިސްޓުން ރާއްޖޭގައި ޕާފޯމް ކުރުމުން އޭގެ ފައިދާ ރާއްޖޭގެ އާޓިސްޓުންނަށް ކުރާނެ ކަމަށެވެ.
ޓޫރިސްޓް އެރައިވަލް ކައުންޑައުންގެ ޝޯއަށް ގެނައުމަށް ޗޮޕް އާޓުން ހަމަޖެއްސި ޝޯން ޕައުލް އަށް ދިން މަރުގެ އިންޒާރުގެ ތަހުގީގު ނުނިމެނީސް އެހެން ފަރާތެއް ގެންނާތީ އެކަމާ ކަންބޮޑުވާ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަޒުމީލު ވަނީ ވިދާޅުވެފަ އެވެ.
"ތްރެޓް އޮތް ގޮތަށް އޮއްވައި، އަދި ފުލުހުން އެކަމާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަނުކުރާއިރު، އެހެން ބޭފުޅަކު ގެންނަން ނިންމުމުން ކަންބޮޑުވޭ،" އަޒުމީލް ވިދާޅުވި އެވެ.
ޓޫރިސްޓް އެރައިވަލް ކައުންޑައުންގެ ޝޯ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ބާއްވާފައި ވާއިރު، އެ ޝޯގައި އިންޑިއާގެ މަޗްހޫރު ލަވަކިއުންތެރިން ވަނީ ޕާފޯމް ކޮށްފަ އެވެ. އަދި މިއުޒިކް ފެސްޓިވަލެއްގެ ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ޝޯއަށް ގެނައުމަށް ނިންމާފައި ވަނީ އެމެރިކާގެ އާރްއެންޑްބީ/ހިޕްހޮޕް/ރެޕް ލަވަ ކިޔުންތެރިޔާ އޭކަން އެވެ.