05 Jan 2015, 16:43
އިންޑިއާގެ ގައުމީ އެއާލައިން "އެއާ އިންޑިއާ"ގެ މަތިންދާބޯޓެއް ހައިޖެކް ކުރަން ތާލިބާނުން މަސައްކަތް ކުރާ ކަމަށް ބެލެވުމާ ގުޅިގެން އިންޑިއާގެ މައިގަނޑު އެއާޕޯޓު ތަކުގައި ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފި އެވެ.
އިންޑިއާގެ ދަ ނިއު އިންޑިއަން އެކްސްޕްރެސް ނޫހުން މިއަދު ބުނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއާއި އިންޑިއާގެ ވެރިރަށް ނިއުދިއްލީއާ ދެމެދު ދަތުރުކުރާ މަތިންދާބޯޓެއް ހައިޖެކް ކުރަން މަސައްކަތްކޮށްފާނެ ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ ޖާސޫސީ އިދާރާއިން އިއްޔެ ބުނި ކަމަށެވެ. އަދި އެކަމާ ގުޅިގެން ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް ބުންޏެވެ. އެގޮތުން މައިގަނޑު އެއާޕޯޓްތަކަށް ދަތުރުކުރާ ޕެސެންޖަރުންގެ އިތުރުން މަތިންދާބޯޓްތަކުގެ ފަޅުވެރިން ވެސް އިތުރަށް ބަލައި ފާސްކުރަން ފަށާފައިވާ ކަމަށް ވެސް އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ ނޫހުގައިވެ އެވެ.
ދިއްލީއާއި ކާބުލްއާ ދެމެދު ދަތުރުކުރާ މަތިންދާބޯޓެއް ހައިޖެކްކޮށްފާނެ ކަމުގެ ވާހަކަތައް ފެންމަތިވެފައި މިވަނީ އެމެރިކާގެ ރައީސް އޮބާމާ އިންޑިއާއަށް ދަތުރުކުރައްވާނެކަން ހާމަކުރައްވާފައި ވަނިކޮށެވެ. އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވަނީ ދައުވަތު އަރުވާފަ އެވެ. އަދި އެދައުވަތު ގަބޫލުކުރައްވައި ވަޑައިގަންނަވާނެ ކަން އޮބާމާ ވަނީ ހާމަކުރައްވާފަ އެވެ. އިންޑިއާގެ ޖުމްހޫރީ ދުވަހަކީ ޖެނުއަރީމަހުގެ 26 ވަނަ ދުވަހެވެ.