ޗާންދަނީ މަގު، މއ. ބޭރުމަތިގޭ ހަ ވަނަ ބުރީގެ ބެލްކަނިން ވެއްޓި މަރުވި ހ. ދޫހިމެރިގޭ، ނަދާލް ރަޝީދު، 25، އާއެކު އެ އެޕާޓްމަންޓުގައި ތިބި އަނެއް ހަތަރު މީހުންވެސް މަސް ތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ފުލުހުން ބުނެފި އެވެ. ބެލްކަނިން ވެއްޓި މަރުވި ނަދާލްގެ ހަށިގަނޑުން ނެގި ސާންޕަލްތައް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ސަތީޙް ވިދާޅުވީ، ނަދާލް ރަޝީދު ވެއްޓި ނިޔާވި ރޭ އެ އެޕާޓްމަންޓްގައި ތިބި ހަތަރު މީހެއްގެ ކުޑަކަމުދާތަކެތި ނަގާފައިވާކަމަށާއި އެމީހުންގެ ކުޑަކަމުދާތަކެތި ތަހުލީލުކުރިއިރު ދާއިމީ ނަތީޖާއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްފައިވާ ކަމަށެވެ. މި މައްސަލަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަތީހު ވިދާޅުވީ، ނަދާލް ވެއްޓިފައިވަނީ ބޭނުންކުރި މަސްތުވާތަކެތީގެ ސަބަބުން ހަމަބުއްދި ފިލައިގެން ކަމެއް އަދި ދަންނަވަން ދަތި ކަމަށެވެ. އަދި ނަދާލް ވެއްޓުނު ގެ ބަލައި ފާސްކުރި އިރު އެޕާޓްމަންޓް ތެރެއިން މަސްތުވާތަކެތި ފެނިފައިނުވާ ކަމަށް ޝަތީހު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ނަދާލްއާއެކު އެޕާޓްމަންޓުގައި ތިބި ހަ މީހެއްގެ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އެ ސާމްޕަލްތަކުގެ ރިޕޯޓްތައް އަދި ލިބިފައިނުވާ ކަމަށެވެ. ނަދާލް ވެއްޓުނު ދުވަހުގެ ރޭ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށާއި ހޮސްޕިޓަލަށް ނަދާލް ގެންދިޔައިރު، ބޮލުގެ ނާށިގަނޑުގެ ފުއްކިބައިން ދެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް ޝަތީހު ވިދާޅުވި އެވެ.