މުސްލިމް ވޯލްޑް ލީގު ނުވަތަ ރާބިތަތުލް އާލަމިލް އިސްލާމީގެ އޮފީހަކާ އެކު "އިސްލާމިކް ސެންޓަރެއް" ހުޅުމާލޭގައި ގާއިމްކުރުމަށް ހަމަޖައްސައިފި އެވެ.

މި ސެންޓަރު ގާއިމް ކުރުމަށް ބޭނުންވާ ބިން ހަވާލުކުރުމާ ބެހޭ އެމްއޯޔޫގައި ސޮއިކުރުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާބިތަތުލް އާލަމިލް އިސްލާމީގެ ފަރާތުން ސޮއިކުރެއްވީ އެ މުއައްސަސާގެ އެސިސްޓެންޓް ސެކެޓްރީ ޖެނެރަލް ޑރ. އާދިލް ބިން އަލީ އައްޝައްދީ އެވެ. އަދި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުސްލިމް ވޯލްޑް ލީގުގެ އެސިސްޓެންޓް އެސްޖީ މިއަދު ވިދާޅުވީ، މުސްލިމް ވޯލްޑް ލީގުގެ ސެންޓަރެއް ރާއްޖޭގައި އެޅުމަށް މަގު ފަހިވެގެން ދިޔައީ ރާއްޖެއާއި ރާބިތަތުލް އާލަމީއާ ދެމެދު އޮތް ގާތްގުޅުމުގެ ސަބަބުން ކަމަށެވެ. އަދި ރާބިތާއަށް ބިމެއް ހަމަޖައްސަވައިދެއްވި ކަމަށްޓަކައި ރައީސް އަބްދުﷲ ޔާމީން ނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ރާބިތާގެ ފަރާތުން ރާއްޖެއަށް އެކިކަންކަމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
'
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ރާބިތާއިން 45 މަރުކަޒު ވަނީ ގާއިމްކޮށްފަ އެވެ. އަދި ހުޅުމާލޭގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ރާބިތާގެ މަރުކަޒުގެ މަސައްކަތް ރަސްމީކޮށް، ފައްޓަވާދެއްވުމަށްޓަކައި ރާބިތާގެ ސެކެޓްރީ ޖެނެރަލް ޑރ. އަބްދުﷲ ބިން އަބްދުލް މުހްސިން ތުރްކީ ރާއްޖެ ވަޑައިގެންނަވާނެ ކަމަަށް ވެސް ވިދާޅުވި އެވެ.

" ހުޅުމާލޭގައި ރާބިތާއިން ގާއިމް ކުރާ މަރުކަޒު ވެގެންދާނީ ރާއްޖެއަށް ވަރަށް ބޮޑު ހެވަކަށް އަދި އެތައް ހިދުމަތްތަކެއް ކޮށްދޭނެ މުއައްސަސާއަކަށް،" ޑރ. އާދިލް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ސައިމަން ވިދާޅުވީ، އެފަދަ ސެންޓަރެއް ހުޅުމާލޭގައި ގާއިމްވެގެން ދިޔުމަކީ ހުޅުމާލޭގެ ތަރައްގީ އަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެ ސެންޓަރު ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ މިސްކިތަކާ އެކު ސެންޓަރުގެ ތެރޭގައި އޮފީސް އިމާރާތްތަކެއް ވެސް ހިމެނޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސްކިތަކާ އެކު މިފަދަ ސެންޓަރެއް ހުޅުމާލޭގައި ޑިވެލޮޕްކުރުމަށް ބިމެއް ހާއްސަކޮށްފައިވާތާ މިހާރު ދުވަސްތަކެއް ވެއްޖެ. އެހެންނަމަވެސް މިހާރު މިވަނީ އެކަން ހަގީގަތަކަށް ވުމުގެ ކުލަ ވަރަށް ބޮޑަށް ޖެހެން ފަށައިފައި. ވަރަށް އަވަހަށް އެ މަސައްކަތް ފަށައިގަނެވޭނެ،" ސައިމަން ވިދާޅުވި އެވެ.

މި ސެންޓަރު ގާއިމް ކުރުމަށް ހަމަޖައްސާފައިވަނީ މިހާރު ހުޅުމާލޭގެ ސެންޓްރަލް ފާކް ހެދުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައެވެ.